ދިރާގު

ދިރާގު ރޯޑް ރޭސް ނިންމުން ފޯރިގަދަ ހަރަކާތްތަކަކާ އެކު

ދިރާގު މޯލްޑިވްސް ރޯޑް ރޭސް ނިންމާލުމަށްފަހު އަންނަ ހުކުރު ދުވަހުގެ ރޭ ފޯރިގަދަ ހަރަކާތްތަކާ އެކު ހާއްސަ އިވެންޓެއް ބޭއްވުމަށް ދިރާގުން ނިންމައިފި އެެވެ.

މި ހަރަކާތްތައް ކުރިއަށް ގެންދާނީ ހުކުރު ދުވަހުގެ 8:30 އިން ފެށިގެން ހުޅުމާލޭގެ ސެންޓްރަލް ޕާކް ގައެވެ.

ދިރާގު ރޯޑް ރޭސް ވެސް ކުރިއަށްދާނީ މާދަމާ ހަވީރު ހުޅުމާލޭގެ ސެންޓްރަލް ޕާކް ސަރަހައްދު ގައެވެ.

ދިރާގުން ބުނީ އެ ރޭ އޮންނަ ސްޓޭޖު ޝޯގައި ސްކައިރޮކް، 2 ސެންސް، 1438 ބޮޑުބެރު ގްރޫޕް އަދި ޝައްމު އާއި އެކުވެރީން ކޮޅެއްގެ ހުށަހެޅުމެއް ފެނިގެންދާނެ ކަމަށެވެ.

ސްޓޭޖު ޝޯ ކުރިއަށްދާ ވަގުތު ދިވެހިންގެ ރަހަމީރު އުފެއްދުންތައް ލިބެން ހުންނާނެ އެވެ.

ދިރާގުން ބުނީ މި އިވެންޓަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ އިވެންޓުގެ ގްރޭންޑް ފިނާލޭއަށް ވާނެ ކަމަށެވެ.

ދިރާގުގެ 14 ވަނަ ރޯޑް ރޭހުގައި 4000 އަށް ވުރެ ގިނަ ދުވުންތެރިން ބައިވެެރިވެފައިވާއިރު މިއީ މި ދުވުމުގައި ފުރަތަމަ ފަހަރަށް ހާފް މެރެތަން ޖަހާ އަހަރެވެ. ހާފް މެރަތަންގެ އިތުރުން 10 ކިލޯމީޓަރު އަދި ފަސް ކިލޯމީޓަރު ދުވުންވެސް ކުރިއަށްދާނެ އެވެ.