ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ކޮންމެވެސް ސަބަބަކާ ހުރެ ނިމިފައި ނުވުމަކީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަޤާމުގެ ހުވާކުރުމަށް ބާއްވާ ރައްޔިތުންގެ މަޖލީހުގެ ޖަލްސާ ގާނޫނުއަސާސީއާއި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބޭއްވުމަށް ހުރަހެއް ނެތް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައީސް ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ނުނިންމަނީސް ޑރ. މުއިއްޒު ކުރައްވާ ހުވާ ގަބޫލުނުކުރާނެ ކަމަށާއި އެމަނިކުފާނު އެކުލަވާލާ ވަޒީރުންގެ މަޖިލީހަށް ރުހުން ނުދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ -- އެމްޑީޕީ އިން ބުނެފައި ވަނިކޮށެވެ.
ޑރ. އަހްމަދު އަބްދުﷲ ދީދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނުއަސާސީގެ 114 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާކުރުމަށް ބާއްވާ މަޖިލީހުގެ ޖަލްސާއަކީ އެ މަޖިލީހުގެ ހިންގުމުގެ ގަވައިދާ އެއްގޮތަށް ސައްހަ އިޖުރާއާތުގެ ދަށުން ބާއްވާ ޖަލްސާޔަކަށް ވާންޖެހޭނެ ކަމަށެވެ.
"އަދި އެ ޖަލްސާއަށާއި ޖަލްސާގެ އިޖުރާއާތަށް ހުރަސްއެޅުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެން ނުވެ އެވެ،" ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނަރަލް މަގާމުވެސް ފުރުއްވާފައިވާ ދީދީ ވިދާޅުވި އެވެ.
ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވީ ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ރ)، (ބ)، (ޅ)، (ކ) އާއި، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ ކަމާބެހޭ މާއްދާތަކާ އެއްގޮތްވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ފާސްކުރުމަކީ މަޖިލީހުގެ މެންބަރުންނަށް ލިބިގެންވާ ދުސްތޫރީ ބާރެއް ކަމަށެވެ. އަދި އެކަމަށް ހުރަސްއެޅުމުގެ ގާނޫނީ ހައިސިއްޔަތެއް އެއްވެސް ފަރާތަކަށް ލިބިގެން ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
"އެހެންކަމުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމާ ބެހޭގޮތުން ބާއްވާ މަޖިލީހުގެ ޖަލްސާ، މަޖިލީހުގެ ނައިބު ރައީސްގެ ރިޔާސަތުގައި ނުވަތަ އެނޫންވެސް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުގެ ބާރު މަޖިލީހުގެ ގަވައިދުގައިވާ ގޮތަށް، ލިބިގެންވާ ފަރާތެއްގެ ރިޔާސަތުގައި ކުރިއަށް ގޮސްގެން މެނުވީ ގާނޫނާ އެއްގޮތަށް އޮމާންކަމާއެކު މަޖިލީހުގެ އިޖުރާއާތު ކުރިއަކަށް ނުދާނެ އެވެ،" ކުރީގެ އުއްތަމަ ފަނޑިޔާރުގެ ހިޔާލު ހުރި ގޮތް ހިއްސާކުރައްވާ ވިދާޅުވި އެވެ.
ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އަޢުލަބިއްޔަތު މެންބަރުން ސޮއިކޮށް މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރު މަޖިލީހަށް ހުށަހަޅައި، ކަނޑައެޅިފައިވާ އިޖުރާއާތުގެ ދަށުން އެ މައްސަލަ މަޖިލީހުގައި ތާވަލުކުރުމަށްފަހު މަޖިލީހުގެ އެއްވެސް ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ރައީސް ބެލެހެއްޓުމަކީ ގާނޫނު ހަދާ މަޖިލިސް ތަކުގައި އަމަލުކުރާ ގޮތެއް ނޫން ކަމަށެވެ.
"ސަބަބަކީ މަޖިލީހުގެ އަޢުލަބިއްޔަތު މެންބަރުންގެ އިތުބާރު އަމަލީގޮތުން ގެއްލިފައިވާ ފަރާތެއް މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމަކީ މަޖިލީހުގެ އޮތޯރިޓީއާއި ނިންމުންތަކަށް އުނިކަން ލިބިގެންދާނެ ކަމަކަށް ވާތީ އެވެ،" އެމަނިކުފާނު ވިދާޅުވި އެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރު މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށް ފަހު އެ ގަރާރާ މެދު ގޮތެއް ނިންމުމުގެ ކުރިން މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ގޮތެއް ނިންމުމަކީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (ރ) ތަންދޭ ކަމެއް ނޫން ކަމަށެވެ. ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) އާއި (ރ)ގެ ދަށުން ހުށަހެޅޭ ކަންތައްތަކާ ގުޅިގެންވެސް މަޖިލީހަށް ގޮތެއް ނިންމޭނީ ހުށަހެޅިފައިވާ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލައާ މެދު ގޮތެއް ނިންމުމަށް ފަހު ކަމަށްވެސް ވިދާޅުވި އެވެ.
"އެހެންކަމުން މިހާރު މަޖިލީހަށް ހުށަހެޅިފައިވާ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލައާ މެދު ވީހާވެސް އަވަހަށް ގޮތެއް ނިމިގެންދިއުމަކީ ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމު އަމާންކަމާއި އޮމާންކަމާއެކު ހިންގުމަށް ކޮންމެހެން ޟަރޫރަތްތެރި ކަމެއްކަމުގައި ދެކެމެވެ.،" އަހްމަދު އަބްދުﷲ ދީދީ ވިދާޅުވި އެވެ.