ފިނިޕޭޖް

ޑޭވިޑް ފިންޗާގެ "ދަ ކިލާ" ރިލީޒްކޮށްފި

ޑޭވިޑް ފިންޗާ ޑައިރެކްޓް ކޮށްފައިވާ "ދަ ކިލާ" ސިނަމާތަކުގައި ދައްކަން ފަށައިފި އެވެ.

މި ފިލްމަކީ އެލެކްސިސް "މެޓްސް" ނޯލަންޓް ލިޔެ ލޫކް ޔަކަމަން ކުރެހި ގްރެފިކް ވާހަކައަށް ހަދާފައިވާ ފިލްމެކެވެ.

މި ފިލްމުގެ ސްކްރިޕްޓް ލިޔެފައިވަނީ ޑޭވިޑްގެ ފިލްމް "ސެވަން"ގެ ސްކްރިޕްޓް ލިޔުނު ކެވިން ވޯކާ އެވެ.

މި ފިލްމްގައި ލީޑް ރޯލް އަދާކުރި މައިކަލް ފަސްބެންޑާއަކީ ވަރަށް މޮޅު، ޖަޒްބާތަކާ ނުލާ މީހުން މަރާ ޕްރޮފެޝަނަލް ހިޓްމޭން އެކެވެ.

އޭނާ ޕެރިސްގައި މިޝަނެއް ފުރިހަމަކުރުމަށް ތައްޔާރުކޮށްގެން ހުއްޓާ، ކަން ދިމާވާ ގޮތުން އެކަމެއް ނުވެ އެވެ. އަދި އޭގެ ސަބަބުން ކިލާގެ ގެއަށް ހަމަލާދީ، އޭނާގެ ލޯބިވެރިޔާއަށް އަނިޔާކޮށް ހޮސްޕިޓަލްގައި ރެސްޕިރޭޓަރު ގުޅަންޖެހޭ ވަރުކޮށްފައި ވަނިކޮށް ކިލާއަށް ފެނެ އެވެ. ބޮސްތައް ކިލާ މަރަން އުޅޭކަން ދޭހަވެގެން، އެމީހުން ފޮނުވާ އެހެން ހިޓްމަން ކިބައިން ސަލާމަތްވާން މަސައްކަތްކުރެ އެވެ.

މި ފިލްމްގައި މައިކަލްގެ އިތުރުން ޓިލްޑާ ސްވިންޓަން، ޗާލްސް ޕާނެލް، އާލިސް ހަވޯޑް، ކެރީ އޯ މޭލީ، ސާލާ ބޭކާ، ސޯފީ ޝާލޮޓް ފަދަ ތަރިންވެސް ހަރަކާތްތެރިވެ އެވެ.

މި ފިލްމްގެ ސިނަމެޓޮގްރާފާ އޭރިކް މެސޭޝްމިޓް ބުނީ ޑޭވިޑް ފިންޗާ އަކީ ހިތް ހަމަޖެހެންދެން ރީޓޭކް ނަގާ ޑައިރެކްޓަރެއް ކަމަށާއި މައިކަލް އަކީ ޑޭވިޑްއަށް އެންމެ ޕާފެކްޓް އެކްޓަރު ކަމަށެވެ.

ޑޭވިޑް ބުނީ މީހެއްގެ ލޮލުން ވަރަށް ގިނަ ކަންކަން ހާމަވާނޭ ކަމަށާއި އޭނާ ވިސްނަމުންދާ ކަންތައްތައްވެސް ދައްކައިދޭ ކަމަށެވެ. ޑޭވިޑް އިތުރަށް ބުނީ މައިކަލްއާ އެއްކޮށް މަސައްކަތް ކުރުމުން ހަނދާން ވަނީ ޑެނިއަލް ކްރޭގްއާ އެކު "ދަ ގާލް ވިތް ދަ ޑްރޭގަން ޓެޓޫ" ގައި މަސައްކަތްކުރި ދުވަސްވަރު ކަމަށާއި ދެ އެކްޓަރުންވެސް އެއް ފާޑެއްގެ ހިތްވަރާއި ކޮންޓްރޯލް ގެންނަ ކަމަށެވެ.

"ދަ ކިލާ" އަށް އާންމު ގޮތެއްގައި އަންނަނީ ރަނގަޅު ކޮމެންޓްތަކެއް ލިބެމުންނެވެ.

މި ފިލްމު ވަނީ މީގެ ކުރިން ވެނިސް ފެސްޓިވްގައި ރިލީޒްކޮށްފަ އެވެ. އަދި ނެޓްފްލިކްސް އަށް ރިލީޒްކުރާނީ ކުރިއަށް އޮތް ނޮވެމްބަރު މަހުގެ 10 ގައެވެ.