މީގެ ކުރިން 87 ފަހަރު ހައްޔަރުކޮށްފައިވާ މީހަކު ވައްކަމުގެ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.
އުމުރުން 47 އަހަރުގެ އެ މީހާއަކީ އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ ފިރިހެނެކެވެ.
އެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ 15 ދުވަސް ދީފަ އެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން ތުހުމަތު ކުރެވޭ ކުށް އޭނާ ކުރިކަމަށް ކޮންމެވެސް މިންވަރެއްގެ ހެކި ލިބިފައިވެ އެވެ.
އެގޮތުން ސީނަށް ދިޔަ ފުލުހުންގެ ހާދިސާ ރިޕޯޓުން މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ދުއްވާފައިދިޔަ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ހެކި ހުށަހަޅާފައިވާ ކަމަށް އަމުރުގައިވެ އެވެ.
އޭނާ 87 ފަހަރު ހައްޔަރުކޮށް 38 ފަހަރު ބަންދުކުރެވިފައިވާކަން އޭނާގެ ބަންދު ލޮގަށް ބެލުމުން އެނގޭ ކަމަށްވެސް އަމުރުގައިވެ އެވެ.