ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް މާލެ ސަރަހައްދުން ބޭރަށް ނުދެވޭ ގޮތަށް އެމަނިކުފާނުގެ ޖަލު ބަންދަށް ލުއި ދީފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިގޮތަށް ނިންމެވީ ރައީސް އަބްދުﷲ ޔާމީން ސީދާ ރައީސް ސޯލިހަށް ގުޅުއްވައި ކުރެއްވި މަޝްވަރާއަކަށް ފަހު ކަމަށް ޕީޕީއެމް އާއި ޕީއެންސީގެ ހަބަރުތައް ގެނެސްދޭ ޗެނަލް 13 އިން މިރޭ ބުނެފައިވެ އެވެ.
ޗެނަލް 13 އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރައީސް ޔާމީންގެ ޖަލު ބަންދަށް ދިން ލުޔާ ގުޅިގެން އެމަނިކުފާނަށް މާލެ ސަރަހައްދުގައި -- މާލެ، ހުޅުމާލެ، ވިލިމާލޭގައި ބާއްވާ ބައްދަލުވުންތަކާއި ޖަލްސާތަކަށް ހާޒިރުވެވޭނެ އެވެ. އަދި ބައްދަލުކުރުމަށް ބޭނުންވާ މީހުންނާ ބައްދަލުކުރެވޭނެ އެވެ.
އަވަސްއަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސިއްހީ ފަރުވާގެ ކަންކަމުގައި އެ އިދާރާގެ ހުއްދަ ހޯދުމަށްފަހު ބޭރަށް ވަޑައިގެންނެވޭނެ ގޮތަށް ލުއި ދީފައިވާ ކަމަށެވެ. ނަމަވެސް އަވަސް އަށް އިތުބާރު ހުރި ފަރާތަކުން އެނގިފައިވާ ގޮތުގައި "މުހިއްމު ކަންކަމުގައިވެސް" ބޭރަށް ވަޑައިގަތުމުގެ ހުއްދަ ރައީސް ޔާމީނަށް ވަނީ ދެއްވާފަ އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދީގެން ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހު އެވެ.
އެ ދުވަހުން ފެށިގެން މިމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ރައީސް ޔާމީން ހުންނެވީ ޖަލު ބަންދުގައެވެ. ނަމަވެސް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއާއި ގުޅިގެންނާއި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަކަށް ރައީސް ސޯލިހް ވަނީ މިމަހުގެ އެއްވަނަ ދުވަހު ރައީސް ޔާމީން ގެއަށް ބަދަލުކުރައްވާފަ އެވެ.
ރައީސް ޔާމީން ޖަލު ހުކުމް ތަންފީޒުކުރަމުންދާ މައްސަލަ އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު މައްސަލަ އޮތީ ނިމުމަކާ ހަމައިގައެވެ. ނަމަވެސް މައްސަލަ އެކަށީގެންވާ ގޮތަކަށް ކުރިއަކަށް ނުދެ އެވެ. މިވަގުތުވެސް އިސްތިއުނާފް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރަކު ޗުއްޓީގައި ހުންނެވުމާ ގުޅިގެން މައްސަލަ ވަނީ ހުއްޓިފަ އެވެ.