ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރުމުގެ މައްސަލަ މިއަދަށް އެޖެންޑާކޮށްފައިވަނިކޮށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމް ފޮނުއްވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ މަޖިލީހުގެ ރައީސްކަމުގެ މަގާމުން ނަޝިދު ވަކިކުރުމަށް ހުށަހަޅުއްވާފައިވާ ގަރާރާއި ދުވަހުގެ މަސައްކަތްތަކުގެ ތެރެއިން ވޯޓުން ނިންމާ ހިސާބަށް ގޮސްފައިވާ ކަންކަމަށް ވޯޓަށް އެހުމެވެ.
އީވާ މަޖިލީހަށް ފޮނުއްވި ސިޓީގައި އޭނާ ޑެންގީ ހުމަށް ޕޮޒިޓިވްވެފައިވާ ކަމަށް ވިދާޅުވެފައިވާ ކަމަށް އިތުބާރު ހުރި މަސްދަރަކުން އަވަސް އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރުމަށް އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާ އެކު ދެވަނަ ފަހަރަށް ހުށަހެޅީ މިމަހުގެ ނުވަވަނަ ދުވަހު އެެވެ. މިމައްސަލައިގެ ނޯޓިސް ނަޝީދާއި މެންބަރުންނަށް ފޮނުއްވީ މިމަހުގެ 12 ވަނަ ދުވަހު އެވެ.
އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް ނަޝީދަށް 30 މިނެޓް ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން މިމަހުގެ 18 ވަނަ ދުވަހު ވަނީ ނިންމާފަ އެވެ.
ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ފާސްކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ވަނީ ތުރީލައިން ވިޕް ނެރެފަ އެވެ. ތުރީލައިން ވިޕް ނެރުމާ ގުޅިގެން ނަޝީދު މަގާމުން ވަކިކުރުމަށް ވޯޓު ދެއްވުމަށް އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް މަޖުބޫރުވާނެ އެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާކުރައްވައިފިނަމަ އެ ހުވާ ގަބޫލުނުކުރާނެ ކަމަަށާއި އަދި އެ ހާލަތުގައި ކެބިނެޓެއް އެކުލަވާލައި ރުހުން ހޯދުމަށް މަޖިލީހަށް ހުށަހެޅި ނަމަވެސް ރުހުން ނުދޭނެ ކަމަށްވެސް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ވަނީ ބުނެފަ އެވެ. އެމްޑީޕީގެ މި ނިންމުމާ ގުޅިގެން ދަ ޑިމޮކްރެޓްސް އިން ބުނީ އެމްޑީޕީން މަސައްކަތް ކުރަނީ އިންތިހާބީ ރައީސް ޑރ. މުއިއްޒު ހުވާކުރެއްވުމަށް ހުރަސްއެޅުމަށް ކަމަށެވެ.