ރައްޔިތުންގެ މަޖިލިސް

ނަޝީދުގެ މައްސަލަ މާދަމާއަށް އެޖެންޑާ ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރުމުގެ މައްސަލަ މިއަދަށް އެޖެންޑާކޮށްފައިވަނިކޮށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމް ފޮނުއްވަވާފައިވާތީ ނަޝީދުގެ މައްސަލަ މާދަމާއަށް އަލުން އެޖެންޑާ ކުރައްވާނެ ކަމަށް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާ މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް ކުރިއަށްދާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމުގެ މަސްއޫލިއްޔަތު މަޖިލީހުގެ ގަވާއިދުގައި ހަވާލުކޮށްފައިވަނީ މަޖިލީހުގެ ނައިބު ރައީސަށެވެ. ނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ މިއަދުގެ ޖަލްސާއަށް ސަލާމް ފޮނުއްވާފަ އެވެ.

އީވާ މިއަދުގެ ޖަލްސާއަށް ސަލާމް ފޮނުއްވަވާފައިވާތީ ނަޝީދުގެ މައްސަލަ މިއަދު ކުރިއަށް ގެންދެވިފައިނުވެ އެވެ.

މަޖިލީހުގެ ރައީސްކަމުގެ މަގާމުން ނަޝީދު ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ 49 މެންބަރުންގެ ސޮޔާއެކުގަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިޔުޝާ ވިދާޅުވީ ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ބ ގައިވާ ގޮތުގެ މަތިން އަދި މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ނ ގައި ބަޔާންކުރާ މުއްދަތު ދިނުމަށްފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެމަައްސަލަ އެ ގަރާރު ހުށަހަޅަންވާނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާތީ މިއަދުގެ ޖަލްސާއަށް އެ ގަރާރު އެޖެންޑާކުރި ކަމަށެވެ.

މީގެ އިތުރުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ބަހުސް ހިނގާ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެ ދިފާއުގައި ވާހަކަ ދެއްކުމުގެ ހައްގު ގާނޫނު އަސާސީން ލިބިދީފައިވާތީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޑައިގަތުމުގެ ދައުވަތު ނަޝީދަށް ދެއްވާފައިވާ ކަމަށްވެސް ނިޔުޝާ ވިދާޅުވި އެވެ.

ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ޅ ގައި މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމާބެހޭ ބަހުސެއް ހިނގާ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ރައީސް ބަލަހައްޓައިގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން މަޖިލީހުގެ ގަވާޢިދުގެ ދަށުން މަޖިލީހުގެ ރައީސް ފިޔަވާ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ ފަރާތްތައް ކަނޑައަޅާފައިވަނިކޮށް މަޖިލީހުގެ މަގާމުން ވަކިކުރުމާ ގުޅޭ ވަކި ބާބެއް މަޖިލީހުގެ ގަވާޢިދުގައި ހިމަނާ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށްދާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމުގެ މަސްއޫލިއްޔާތު ހަވާލުކޮށްފައިވަނީ މަޖިލީހުގެ ނައިބު ރައީސަށެވެ.

"އެހެންކަމުން މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް މަޖިލީހުގެ ނައިބު ރައީސްއަށް ވާނީ ދަންނަވާފަ. އެހެން ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އާލާސްކަންފުޅާ އުޅުއްވާ ކަމަށް ބަޔާންކުރައްވާ މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާއަށް ސަލާމް ފޮނުއްވާ މިއަދުގެ ހެނދުނު 6:27 ގައި އެކަން ވަނީ ލިޔުމުން އަންގަވާފަ،" ނިޔުޝާ ވިދާޅުވި އެވެ.

ނިޔުޝާ ވިދާޅުވީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރަކީ މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ މުއްދަތު ދިނުމަށްފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދުނޫން ދުވަހަކު ބާއްވާ ޖަލްސާއަށް ހުށަހަޅަންޖެހޭ ގަރާރަކަށްވާތީ މާދަމާގެ ޖަލްސާއަށްވެސް މި ގަރާރު އެޖެންޑާކޮށް އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް މަޖިލީހުގެ ނައިބު ރައީސަށް ދަންނަވާނެ ކަމަށެވެ.