ހަބަރު

މަނީ ލޯންޑަރިންއާ ގުޅޭ ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

ސަރުކާރުގެ އިސްވެރިން ބައިވެރިވެގެން 1.5 ބިލިއަން ޑޮލަރުގެ މަނީލޯން ލޯންޑްރިންގެ އަމަލު ހިންގާފައިވާ ކަމަށް ބުނެ އެމްޑީޕީއިން ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި އެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލަން ނެގި ވޯޓްގައި 47 މެމްބަރުން ބައިވެރިވި އިރު 29 މެމްބަރުން މައްސަލަ ބަލަން ނުފެންނަ ކަމަށް ވޯޓު ދެއްވި އެވެ.

އެމްޑީޕީ ފަރާތުން ކުއްލި މައްސަލަ ހުށަހަޅަމުން އިންތި ވިދާޅުވީ މަނީލޯންޑްރިންނާއި ވައްކަމުގެ ޖަރީމާތަކުގައި ދިވެހި ސަރުކާރުން ވަރަށް ފުންމިނެއްގައި ބައިވެރިވެފައިވާ ކަމަށާއި އެގޮތުން 1.5 ބިލިއަން ޑޮލަރުގެ އަދަދަށް މަނީލޯންޑަރިންގެ އަމަލުތަކުގައި ދައުލަތުގެ އިސްވެރިންނާއި ބައެއް މުއައްސަސާތަކުގެ ވެރިން ބައިވެރިވެފައިވާ ކަމުގެ ހެކި ބޭރުގެ ބައެއް އިންޓެލިޖެންސް އެޖެންސީތަކުގެ މައުލޫމާތުތަކުން ހާމަވެފައިވާ ކަމަށް އެމްޑީޕީއަށް އެނގިފައިވާ ކަމަށެވެ.

"މީގެ އިތުރުން މިމައްސަލާގައި މިނިސްޓަރު އޮފް ފިނޭންސްއާއި ބައެއް ނޫސްތަކުން ސުވާލު ދެންނެވުމުން އެކަން ހިނގަން މީގެ ކުރިން އުޅެފައިވާ ކަމަށާއި ނަމަވެސް 1.5 ބިލިއަން ޑޮަލަރު އެތެރެކުރަން އުޅެފައި ނުވާކަން ފާހަގަ ކުރުމުން ފިނޭންސް މިނިސްޓަރުގެ މި ބަސްފުޅުން ވެސް އެނގެނީ މިކަން ކުރަން މަސައްކަތްކޮށްފައިވާ ކަން،" އިންތި ވިދާޅުވި އެވެ.

މީގެ ސަބަބުން ގައުމުގެ ހާލަތު މުޅިން އެހެން ލެވަލް އަކަށް ގެންދާ ކަމަށާއި އެކަމާއި ހެދި ރާއްޖެ ހިނގައިދާނެ ނުރައްކާތެރި ހާލަތާއި މެދު ދައުލަތުގެ މުވައްސަސާތަކުގެ ސަމާލު ކަމަށް ގެނައުމަށް އަދި ބައިނަލް ލަގުވާމީ ތަހުގީގީ އިދާރަތްތައް މެދުވެރިކޮށް މައްސަލާގެ ފުރިހަމަ ތަހުގީގެއް ހިނގުމަށާއި އަދި އެތަހުގީގުތަކަށް ރާއްޖޭގެ މާލީ އިދާރާތަކުގެ އެއްބާރުލުން ދިނުމަށް ގޮވާލުމަށް ހުށަހެޅި ކުއްލި މައްސަލައެއް ކަމަށް އިންތި ވިދާޅުވި އެވެ.