ވެރިކަން ބަދަލުވުމުގެ މަރުހަލާ ހިނގަމުން ދަނިކޮށް އާބަންކޯ އިން ހުޅުމާލޭގެ ބިންތަކެއްގެ ވިޔަފާރީގެ މުއާމަލާތްތަކެއް ނިންމުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުނެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އިންތިހާބީ ރައީސްގެ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކި މުއާމަލާތްތަކާ ގުޅޭ ތަފާތު 40 އައިޓަމެއް އާބަންކޯ ބޯޑުގެ ދެން އޮންނަ ބައްދަލުވުމަށް އެޖެންޑާ ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މިބަޔާނުގައި ބުނެފައިވަނީ ހުޅުމާލޭގެ ބިންތަކަކީ ދިވެހި ދައުލަތުގެ ރައުސްމާލުގައި ހިމެނޭ އެންމެ އަގު ބޮޑު އެސެޓްތައް ކަމުން އިންތިގާލީ މަރުހަލާގައި އަވަސް އަރުވާލައިގެން އެ ބިންތަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަކީ އެ އޮފީހުން ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ވަކިން ހާއްސަކޮށް މި މުއާމަލާތްތަކުގެ ތެރޭގައި ބޭރުގެ ފަރާތްތަކަށް ބިން "ލީޒް"ކުރުމުގެ މުއާމަލާތްތަކެއް ހިމެނޭތީ އެއީ ވަކިން ބޮޑަށް ކަންބޮޑުވާ މައްސަލައެއް ކަމަށްވެސް ބުންޏެވެ.
އާބަންކޯ އިން މިދަނޑިވަޅުގައި ބިންތަކުގެ މުއާމަލާތްތައް ނިންމައިފިނަމަ އެކަމުގެ ސަބަބުން އަލަށް ފެށޭ ސަރުކާރުގެ ސިޔާސަތުތައް ހިންގުމަށް ހުރަސްއެޅި މުޅި ދިވެހި ދައުލަތަށް އެކަމުގެ ގެއްލުން ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެހެންވެ މި މަރުހަލާގައި މިފަދަ މުއާމަލާތްތައް މަޑުޖައްސާލައި ހުރިހާ އިދާރާތަކާއި މުއައްސަސާތަކާއި ކުންފުނިތަކުން، އިންތިގާލީ މަރުހަލާގެ ރޫހާ އެއްގޮތަށް އަމަލުކުރުމަށްވެސް އިލްތިމާސްކޮށްފައިވެ އެވެ.
"އަދި ދަންނަވަމެވެ. މިފަދަ ކަންކަން ހުއްޓުވައި ދިވެހި ރައްޔިތުންގެ މަތީ މަސްލަހަތުތައް ޙިމާޔަތްކުރުމަށް ގާނުނީ ނިޒާމުގެ ތެރެއިން މުއައްސަސާތައް މެދުވެރިކޮށް ކުރަންޖެހޭ މަސައްކަތްތައް ކުރާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވަމެވެ." ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.
އިންތިހާބީ ރައީސްގެ އޮފީހުގެ ތުހުމަތާ ގުޅިގެން އާބަންކޯގެ ބަހެއް ވަނީ އަދި ލިބޭ ގޮތް ނުވެފަ އެވެ.