އިލެކްޝަންސް ކޮމިޝަން

ޕާޓީތަކުގެ ދަފްތަރާއެކު ޝަކުވާއަށް ހުޅުވާލައިފި

ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ދަފްތަރު ކުރެވިފައިވާ މީހުންގެ މައުލޫމާތު ހިމެނޭ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފި އެވެ.

ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ދަފްތަރު ކުރެވިފައިވާ މީހުންގެ މައުލޫމާތު ހިމެނޭ ލިސްޓު އެ ކޮމިޝަނުން އާންމުކުރީ އިއްޔެ އެވެ.

މި ލިސްޓާއި ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ވާނަމަ އީސީއަށް ޝަކުވާ ހުށަހަޅާ ފޯމު މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.

މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ އަންނަ މަހުގެ 30 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް ހުޅުވާލާފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަމުން ގެންދާ ސިޔާސީ ޕާޓީތަކުގެ ދަފްތަރަކީ އަބަދުވެސް ޝަކުވާ ލިބެމުންދާ ދަފްތަރެކެވެ.

ރާއްޖޭގައި 10 ސިޔާސީ ޕާޓީއެއް ދަފްތަރުކޮށްފައި އޮތް އިރު މީގެތެރޭގައި 10،000 މެންބަރުން ހަމަވާ އޮތީ ހަތަރު ޕާޓީ އެވެ. އެއީ އެމްޑީޕީ، ޕީޕީއެމް، ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭ އެވެ.