ހަބަރު

އަށް ކުއްޖަކު ބެލުމުގައި އިހުމާލުވި މައްސަލައެއް ބަލަނީ

ވިލިމާލޭގައި ކުދިންތަކެއް ބެލުމުގައި އިހުމާލުވި މައްސަލައަކާއި އޭގެ ތެރެއިން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލަ ބަލަން ފަށައިފި އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ ވިލިމާލޭގައި ދިރިއުޅޭ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައަކާއި އެގޭގައި ދިރިއުޅޭ އެހެންކުދިން ބެލުމުގައި އިހުމާލުވެފައިވާ ކަމަށް ބެލެވޭ މައްސަލައެއް ތަހުގީގު ކުރަން ފަށާފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް އެމައްސަލާގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ. މިކަމާއި ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވަ އެވެ.

ޖެންޑާ މިނިސްޓްރީގެ އޮފިޝަލެއް "އަވަސް" އަށް ވދާޅުވީ ގޮތުގައި މިފަދަ މައްސަލައެއް އެއިދާރާ އިންވެސް ބަލަމުދާ ކަމަށާއި އަދި ގާނޫނުގެ ތެރެއިން އެކުދިންނަށް ދެވެން ހުރި އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިމައްސަލައާ ގުޅިގެން ބައެއް މީޑިއާތަކުގައި ބުނާގޮތުން ހިމެނެނީ 14 އަހަރުން ދަށުގެ އަށް ކުއްޖަކު ބެލުމުގައި އާއިލާ އިން އިހުމާލު ވެފައިވާ މައްސަލައެކެވެ. އޭގެ ތެރެއިން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރަމުންދާ ކަމަށާއި އެ ކުއްޖާއަށް ގޯނާކުރާ ކަމަށް ބެލެވެނީ އެކުދިން ކުއްޔަށް އުޅޭ ގޭގައި ދިރިއުޅޭ މީހަކުން ކަމަށެވެ.