ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި ހިމެނޭ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ފޯމު ފުރާ މީހުން އިތުރުވަމުންދާތީ އެ ކޯލިޝަންގެ މައި ޕާޓީ -- ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ކަންބޮޑުވުން ފާޅުކުރައްވައިފި އެެވެ.
ރައީސް ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމަށް ލުއި ދީ ރަށު ބަންދަށް ބަދަލުކުރިފަހުން އެމަނިކުފާނު ރޭގެ ވަގުތެއްގައި ވަނީ ޕީޕީއެމްގެ އާންމު ބައެއް މެންބަރުންނާ ޕީޕީއެމް އޮފީހުގައި ބައްދަލުކުރައްވާފަ އެވެ. ނުރަސްމީ ބައްދަލުވުމެއް ގޮތަށް ކުރިއަށް ދިޔަ މިބައްދަލުވުމުގައި ރައީސް ޔާމީންގެ އަރިހުގައި އިންނެވި ހަމައެކަނި ބޭފުޅަކީ އެމަނިކުފާނު ގާނޫނީ ޓީމުގައި އިސްކޮށް ހުންނެވި ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު އެވެ.
މިބައްދަލުވުން ރޭ ކުރިއަށް ގެންދިޔައީ އާޓިފިޝަލް ބީޗް ކުރިމައްޗަށްވާ ގޮތަށް ހުންނަ ޕީޕީއެމްގެ މައި އޮފީހުގައެވެ.
މީޑިއާ އަށް އާންމުކޮށް ދައުވަތު ނުދީ ބޭއްވި މިބައްދަލުވުމުގެ މަންޒަރުތައް ޗެނަލް 13 އިން ވަނީ ވަގުތު ދުރަށް ދައްކާފަ އެވެ. ނަމަވެސް ބައްދަލުވުމުގެ އަޑު ވަނީ ކަނޑާލާފަ އެވެ.
މިބައްދަލުވުމުގައި ރައީސް ޔާމީން ދެއްކެވި ބައެއް ވާހަކަފުޅުތައް އާންމުންނަށް ތިލަކޮށްދެއްވީ ސޯޝަލްމީޑިއާގައި ޑރ. ޖަމީލް ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ޖަމީލް ވިދާޅުވީ ޕީޕީއެމް އަކީ އެންމެ ވަރުގަދަ ސިޔާސީ ޕާޓީ ކަމަށާއި ޕާޓީގެ އަމާޒަކަށް ވާންޖެހޭނީ ޒުވާން ޖީލަށް ޕާޓީގެ ސިޔާސަތު ކިޔައިދީ އެ ފިކުރު ވިއްކުން ކަމަށް ޔާމީން ވިދާޅުވި ކަމަށެވެ.
ޖަމީލް ވިދާޅުވީ ޕާޓީގެ އެއްވެސް މެމްބަރަކު އެހެން ޕާޓީއަކަށް ނުވަތަ ޕީއެންސީއަށް ފޯމުފުރަން ނުޖެހޭ ކަމަށާއި އެއީ އެއް ފިކުރެއްގެ ދެ ޕާޓީ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބުކުރަން ވަރަށް ބޮޑަށް މަސައްކަތްކުރަންޖެހޭ ކަމުގައި ޕާޓީގެ އާންމު މެންބަރުންނަށް ރައީސް ޔާމީން ދެންނެވި ކަމަށްވެސް ޖަމީލް ވިދާޅުވި އެވެ.
ޕީޕީއެމް އިން އިންތިޒާމު ކުރާ ބޮޑު ޖަލްސާއެއްގައި ވަރަށް އަވަހަށް ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށް މިބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވި ކަމަށް ޗެނަލް 13 އިން ރިޕޯޓްކޮށްފައިވެ އެވެ.