ރައީސް އަބްދުﷲ ޔާމީން

މުއިއްޒުގެ ކިބައިން ޔާމީން ބޭނުންވަނީ ދެ ކަމެއްގެ ޔަގީންކަން

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ބޭނުންވަނީ ދެ ކަމެއްގެ ޔަގީންކަން ހޯއްދަވަން ކަމުގައި ޕީޕީއެމް ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ އެމަނިކުފާނު ރަށު ބަންދަށް ބަދަލުކުރި ފަހުން މިރޭ ފުރަތަމަ ފަހަރަށް ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅު ގައެވެ.

ޕީޕީއެމްގެ މައި އޮފީހުގައި ބޭއްވި މިޖަލްސާގައި ޑރ. މުއިއްޒުގެ ފަރާތްޕުޅުން ރައީސް ޔާމީން ޔަގީންކަން ހޯއްދަވަން ބޭނުންވި މައިގަނޑު ދެ ކަމަކީ ރާއްޖޭގެ ސަރަހައްދު ހޯދުމާއި، ފުރިހަމަ އިސްތިގުލާލާއި މިނިވަންކަން އިއާދަކުރުމެވެ. މި ދެ މަސައްކަތް ކުރިއަށްދާ ގޮތުގެ މައުލޫމާތު އަދި ތާވަލް ދޭތެރެދޭތެރެ އިން ބޭނުންވާނެ ކަމުގައިވެސް ވިދާޅުވި އެވެ. އެހެން ނޫނީ އިންޑިއާ ބޭރުކުރަން "އިންޑިއާ އައުޓް" ގޮވި ގޮތަށް "އިންޑިއާ އިން" ގޮވަންޖެހިދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އެހެން ނޫނިއްޔާ ދެން އަޅުގަނޑު ޖެހޭނީ އަނެއްކާ ޓީޝާޓްގައި 'އިންޑިއާ އިން' ޖަހައިގެން ނިކުންނަން. އެހެންވީމާ އެވަރުގެ ދުއްތުރަލެއް އަޅުގަނޑު މިހާ މަސައްކަތް ކުރީމާ އަޅުގަނޑަށް އެވަރުގެ ދުއްތުރަލެއް ޖެހިގެނެއް ނުވާނެ ދެއްތޮ. އެކަމަކު އަޅުގަނޑު މިހާރު ޓީޝާޓްވެސް ހަދާނަން އިންޑިއާ އިން،" ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިންޑިއާ އައުޓް ޖެހި ޓީޝާޓް ތުރުކުރައްވައިގެން ކުރެއްވި މަސައްކަތުގެ ހަނދާން އާކުރައްވަމުން ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ޑރ. މުއިއްޒުގެ ވެރިކަމުގައި ކުރައްވާނެ ބައެއް ކަންކަމުގެ ސިޔާސަތުތައް ހާމަކުރައްވަމުން ގެންދަވާއިރު އެއީ މުހިއްމު ކަންތައްތަކެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ޝައުގުވެރިކަން އޮތީ އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތާއި މިހާރުގެ ސަރުކާރުން ދޫކޮށްލި ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަލުން ހޯދުމަށް ޑރ. މުއިއްޒު ކުރައްވާނެ މަސައްކަތް ބެއްލެވުމަށް ކަމުގައި ވިދާޅުވި އެވެ.

"އަނެއްކާވެސް ހިންގަވާ ކުނިގޮނޑު ސާފުކުރަން. ދެން އަނެއްކާވެސް އަޅުގަނޑުމެން ހާލިތަކެއް ހަދާނަން އިނގޭތޯ. ހަމަ ކޮވެލި ހާލި ހަދާ ގޮތަށް ހާލިތަކެއް ހަދާނަން. ބިސް އަޅަން އަންނާނެ ކާޅު ދެއްތޮ. ކާޅު އަންނާނެ ބިސް އަޅަން. އެހެންނަމަވެސް އަނެއްކާވެސް މިއޮތީ ހަމަ އެދުވަސް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ކުރިންވެސް ވިދާޅުވި ގޮތަށް މިރޭވެސް ޔާމީން ވިދާޅުވީ އިންޑިއާ ސިފައިންގެ މީހެއްގެ ބޫޓު ކިބަވެސް ރާއްޖޭގައި ހުރެގެން ނުވާނެ ކަމަށާއި އެމީހުން ޖެހޭނީ ހަމަ ފައިބަން ކަމަށެވެ. އަދި ރާއްޖޭގެ ބައެއް ކަމަށް ކުރިން ބުނާ މަލިކު އަލުން ހޯދަން އެ ވާހަކަ ދައްކަންޖެހޭ ކަމަށްވެސް ރައީސް ޔާމީން މިރޭ ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޕީޕީއެމް ޕީއެންސީއަށް ވެރިކަން ލިބުނު ނަމަވެސް އަދި ކުރިއަށް އޮތީ ފަސޭހަ ދުވަސްތަކެއް ނޫން ކަމަށެވެ. އެއީ މިހާރުގެ ސަރުކާރުން މިގައުމުގެ މިނިވަންކަން ގެއްލުވާލައި ގައުމުގެ ކުރިއެރުން 10 ވަރަކަށް އަހަރަށް ފަހަތަށް ގެންގޮސްފައިވާތީ ކަމުގައިވެސް ވިދާޅުވި އެވެ.

މުއިއްޒުގެ ފަރާތްޕުޅުން ރައީސް ޔާމީން ޔަގީންކަން ހޯއްދަވަން ބޭނުންވާ ދެ މައްސަލަ އަކީ މުއިއްޒު ވެސް އިސްކަން ދެއްވާ ދެ މައްސަލަ އެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނާއި އަދި އިންތިހާބަށްފަހު ވެސް މުއިއްޒު ގެންދަވަނީ ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިންނަށް ނުތިބޭވެނެ ކަމަށާއި އެ މީހުން ބާލާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެ އެކަން ކުރެއްވުމަށް ވައުދުވެވަޑައިގަންނަވަމުންނެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދޫކޮށްލި ކަމަށް ބުނާ ބައި ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް މުއިއްޒު ގެންދަވަނީ ވިދާޅުވަމުންނެވެ.

ރައީސް ޔާމީން މިރޭ ބޭއްވި ޖަލްސާގައި ޕީޕީއެމް ޕީއެންސީގެ ލީޑަޝިޕްގެ އެއްވެސް ބޭފުޅަކު ފެނިފައެއް ނުވެ އެވެ. އަރިހުގައި އިންނެވީ ޑރ. މުހައްމަދު ޖަމީލް އަހްމަދެވެ.