ފިނިޕޭޖް

މައިލޯ ވެންޓިމީގްލިއާ ކައިވެނިކޮށްފި

އެކްޓަރު މައިލޯ ވެންޓިމީގްލިއާ ކައިވެނިކޮށްފި އެވެ.

މައިލޯ، 46، ސިއްރުން ކައިވެނިކުރީ އޭނާގެ ލޯބިވެރިޔާ އަދި މޮޑެލް ޖަރާ މާރިއާނޯ 38، އާއެވެ.

މި ހަބަރު އެންމެ ކުރިން ހާމަކޮށްފައިވަނީ ޔޫއެސް ވީކްލީއިންނެވެ. އެ ނޫހުން ބުނާ ގޮތުގައި މި ދެ ލޯބިވެރިން ކައިވެނިކުރީ މިއަހަރުގެ ކުރީކޮޅު އާއިލާ އާއި ގާތް ރަހްމެތްތެރިންނާއެކު ބޭއްވި ކުޑަ ހަފްލާއެއްގައެވެ.

މިދިޔަ ޖޫން މަހު ޖަރާ އަލިމަސް އެންގޭޖްމަންޓް ޒާތުގެ އަނގޮއްޓިއަކާ ކައިވެނީގެ އަނގޮއްޓިއެއް އަޅައިގެން ހުއްޓާ ނަގާފައިވާ ފޮޓޯއެއްގެ ސަބަބުން މި ދެ ލޯބިވެރިން ކައިވެނިކުރީތޯ އޭރުވެސް ސުވާލު އުފައްދާފައިވެއެވެ. އަދި މިދިޔަ ހޮނިހިރު ދުވަހު މައިލޯ، ރަގްބީ ވޯލްޑް ސީރީޒް މެޗް ބަލަން އިން އިރު އިނީ ކައިވެނީގެ އަނގޮއްޓި އަޅައިގެންނެވެ.

ޔޫއެސް ވީކްލީ އިން ޕޯސްޓްކުރި ފޮޓޯތަކެއްގައި ފެންނަނީ ޖަރާގެ ސްޓޭޓް ހަވާއީގެ ތީމްއާ އެއްގޮތަށް ޖަރާގެ ބޮލުގައި މަލުގެ ތާޖެއް އަދި މައިލޯގެ ކަރުގައި މަލުގެ ހާރެއް އަޅައިގެން ހުއްޓަ އެވެ.

ޖަރާ ހުދުކުލައިގެ ހެދުމެއް ލައިގެން ހުރިއިރު މައިލޯ ހުރީ ލިނެން ގަމީސް އަދި ފަޓްލޫން ލައިގެންނެވެ.

މައިލޯ އާއި ޖަރާ ލޯބީގެ ގޮތުން ގުޅުނުކަން ހާމަވީ ފޮޓޯތަކަކުން މިދިޔަ އަހަރު އެވެ. މައިލޯއަކީ ވަރަށް ޕްރައިވެޓް މީހަކަށް ވުމުން އޭނާގެ ޒާތީ އަދި ލޯބީގެ ކަންކަން އެއްގޮތަކަށްވެސް ހާމައެއް ނުކުރެ އެވެ.