ހަބަރު

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހެއް އުފައްދަން ސަރުކާރުން ބިލެއް ހުށަހަޅައިފި

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހެއް އުފެއްދުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުން މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ. މި ބިލް ހުށަހެޅީ، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ތެރެއިންނެވެ.

ސަރުކާރުން މިފަދަ މަޖިލީހެއް އުފެއްދުމަށް ހުށަހެޅީ، ދީނީ އެއްބައިވަންތަކަން ދިވެހިންގެ މެދުގައި ގާއިމް ކުރުމުގައި ދިމާވައި ގޮންޖެހުންތަކާއި ރައްޔިތުން މެދުގައި އުފެދޭ ދީނީ ހިޔާލު ތަފާތުވުންތައް ގައުމީ ފެންވަރެއްގައި ހައްލު ކުރުމަށާއި އަދި އިސްލާމީ ފިގުހީ އާ މައްސަލަތައް ދިރާސާކޮށް އެކަމާއި ގުޅޭ ދީނީ ލަފާ އެކަށީގެންވާ ހަލުވިކަމާއި ހަރުދަނާކަމާއި އެކު ފޯރުކޮށްދިނުމަށެވެ.

މި ބިލްގައިވާ ގޮތުގެ މަތިން "އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީސް"ގެ ނަމުގައި ފަސް މެމްބަރުންގެ މައްޗައް އެކުލެވިގެންވާ އޮފީހެއް ރައިސުލް ޖުމްހޫރިއްޔާ ގާއިމްކުރަން ޖެހޭނެ އެވެ. އެފަސް މެމްބަރުންގެ ތެރެއިން އިސްލާމިކް އެފެޔާޒް އިން ކަނޑައަޅައި މެމްބަރަކާއި އުއްތަމަ ފަނޑިޔާރު އަދި އިސްލާމިކް ޔުނިވާސިޓީގެ ލަފާގެ މަތިން އައްޔަން ކުރާ މެމްބަރެއްގެ އިތުރުން ރައިސުލް ޖުމްހޫރިއްޔާ އައްޔަން ކުރާ ދެ މެމްބަރުން ހިމެން ޖެހެ އެވެ. މިމަޖިލީހަށް އިސްލާމިކް އެފެޔާޒް ގެ ބާރުފޯރުވޭނެ ކަމަށް ވެސް މި ބިލުގައި ބުނެފައިވެއެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީސްގެ ޒިންމާތަކުގެ ތެރެއިން ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަށް މުޖުތަމައުއަށް ބޭނުންވާ ދީނީ ފަތުވާ ދިނުމާއި އިސްލާމީ އުންމަތަށް ދިމާވާ ފިގުހީ އާމައްސަލަތަކަކީ ކޮބައިކަން ދެނެގަނެ އެފަދަ މައްސަލަތަކުގެ ތެރެއިން ރައްޔިތުންނަށް ދޭން މުހިންމު ކަން ކަމުގައި ފަތުވާ ދިނުމެވެ. މީގެ އިތުރުން އެކި ދައުލަތުގެ މުއައްސަސާތަކުން މިމަޖިލީހުގެ ލަފަޔަކަށް އެދިއްޖެ ނަމަ އެކަން ކޮށްދިނުމާއި ރައްޔިތުން މެދުގައި އުފެދޭ ދީނީ ހިޔާލު ތަފާތުވުންތައް ނައްތާލުން ވެސް ހިމެނެ އެވެ.

މި މަޖިލީހަށް އައްޔަންކުރައްވާ މެމްބަރުންގެ ދައުރެއްގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ. އަދި އެއްވެސް މީހަކަށް ފަސް އަހަރުގެ ދެ ދައުރަށް ވުރެ ގިނަ ދުވަހު ފަތުވާ މަޖިލީހުގެ މެމަބަރެއްގެ ގޮތުގައި ނުހުރެވޭނެ ކަމަށް މި ބިލްގައި ބަޔާންކޮށް ފައިވެއެވެ.