ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނުނިމެނީސް މަޖިލީހުގެ ކޮމިޓީތައްވެސް ކުރިއަށް ނުގެންދިއުމަށް އެމްޑީޕީން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ -- އެމްޑީޕީން މިކަން ހާމަކުރެއްވީ އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅު ގައެވެ.
"މަޖިލީހުގައި ދެން އެއްވެސް މަސައްކަތެއް ކުރިއަށް ގެންދެވޭނީ މިކަމަށް [ނަޝީދު ވަކިކުރުމުގެ މައްސަަލައަށް] ގޮތެއް ނިންމައިގެން،" އަސްލަމް ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމަށްފަހު އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ މަޖިލީހުގެ ތަޅުމަށްވުރެ ގިނަ މަސައްކަތް ކޮމިޓީތަކުގައި ކުރަންހުރިއިރު ނަޝީދުގެ މައްސަލަ ތަޅުމުގައި ކުރިއަށް ނުދާނަމަ ކޮމިޓީތައް ވެސް ކުރިއަކަށް ނުގެންދެވޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ނިންމުމަކީ މަޖިލިސް ޗެމްބަރު ވިޔަސް ކޮމިޓީތައް ވެސް ދެން ކުރިއަކަށް ނުދާނެއޭ ނަޝީދު ވަކިނުކޮށް. ފުރަތަމަ ދެން ކުރަންޖެހޭނެ ކަމަކީ ނަޝީދު ވަކިކުރުން،" އަސްލަމް ވިދާޅުވި އެވެ.
މަޖިލީހުގައި މެޖޯރިޓީ އޮތީ އެމްޑީޕީއަށް ކަމަށްވާތީ ކޮމިޓީތަކުގައިވެސް އެ ޕާޓީގެ ބޮޑު މެޖޯރިޓީއެއް އޮވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ނަޝީދު ވަކިކުރުމުގެ މައްސަލަ އެޖެންޑާ ނުކޮށް، މަޖިލީހުގެ ރިޔާސަތުން އެޖެންޑާކޮށްފައި އޮތީ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ހުށަހެޅުމާއި، ސަޕްލިމެންޓްރީ ބަޖެޓް މިއަދުގެ ޖަލްސާއަށް ހުށަހެޅުމަށެވެ. ނަމަވެސް ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފްގެ ރިޔާސަތުގެ ދަށުގައި މިއަދުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރުމުން އެމްޑީޕީގެ މެންބަރުންގެ ވަނީ މިޖަލްސާ ހުއްޓުވާފަ އެވެ.
އަސްލަމް މިއަދު އިތުރަށް ވިދާޅުވީ ރައީސް ނަޝީދު ވަކިކުރުމާ ގުޅޭ މައްސަަލައެއް ސުޕްރީމް ކޯޓުގައި އޮތުމުން ކޯޓުން ނިންމާ ގޮތަކަށް އެމްޑީޕީން ތަބާވާނެ ކަމަށެވެ. އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ޖަލްސާއަށް ހުރަސްއެޅުމުގެ ވިސްނުމެއް އެމްޑީޕީން ނުގެންގުޅޭ ކަމުގައިވެސް އަސްލަމް ވިދާޅުވި އެވެ.