ބަޖެޓް 2024

ފުށިދިއްގަރުފަޅު ހިއްކަން 400 މިލިއަން ރުފިޔާ ހިމަނައިފި

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް ހިންގުމަށް ނިންމާފައިވާ ކ. ފުށިދިއްގަރުފަޅު ހިއްކަން އަންނަ އަހަރުގެ ބަޖެޓުގައި ފައިސާ ހިމަނައިފި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ދުވަސްވަރު މުއިއްޒު ހާމަކުރެއްވި ބޯހިޔާވަހިކަމުގެ ސިޔާސަތުގައިވާ ގޮތުން މުއިއްޒުގެ ވެރިކަމުގައި ފުށިދިއްގަރުފަޅުން 1،200 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކައި 11،900 ގޯއްޗާއި، 26،000 ފްލެޓް އިމާރާތް ކުރާނެ އެވެ.

މުއިއްޒު ނިންމާފައިވަނީ 20 އަހަރުގެ ޕްލޭނެއްގެ ދަށުން މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅިފަޅު، ގިރާވަރުފަޅު އަދި ފުށިދިއްގަރުފަޅު ހިމެނޭހެން 65،000 ގޯތި ނުވަތަ ފްލެޓް ދިނުމަށެވެ. މުއިއްޒު ވިދާޅުވާ ގޮތުައި އޭނާގެ ވެރިކަން ނިމޭއިރު މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމެއް ނެތް މީހަކު ނުހުންނާނެ އެވެ.

މުއިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ބައެއް ކަންކަން ހަމަޖެހޭ ގޮތަށް ފިނޭންސް މިނިސްޓްރީން މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުވި ބަޖެޓްގައި ވަނީ ފުށިދިއްގަރުފަޅުގެ މަޝްރޫއު ހަގީގަތަކަށް ހެދުމަށް ބިން ހިއްކުމަށް ބޭނުންވާ 400 މިލިއަން ރުފިޔާ ހިމަނާފަ އެވެ.

އަންނަ އަހަރުގެ ބަޖެޓްގައި ގެދޮރު އިމާރާތް ކުރުމާއި ޖަމާއަތުގެ ފައިދާއަށް ދެވޭ ހިދުމަތުގެ ގޮތުގައި 4.5 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އެއީ ރިކަރަންޓް ހަރަދަށް 2.5 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދަށް ދެ ބިލިއަން ރުފިޔާ އެވެ.

މީގެއިތުރުން ކައުންސިލްތަކަށް ދެވޭ ބްލޮކް ގްރާންޓްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާއާއި، ކައުންސިލް އިމާރާތްކުރުމަށް 20 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

މިސަރުކާރުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ހަވާލުކޮށްގެން ހުޅުމާލޭގައި ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށްވެސް 286 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވެ އެވެ. އަދި ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫއުތަކަކަށް 118 މިލިއަން ރުފިޔާ ވެސް ހިމަނާފައިވެ އެވެ. ނަމަވެސް 118 މިލިއަން ރުފިޔާ ހަރަދުކުރަން ނިންމާފައިވާ ކަންކަމުގެ މައުލޫމާތު ހިމަނާފައެއް ނުވެ އެވެ.

އިންތިހާބީ ރައީސް މުއިއްޒު ވަނީ އެމަނިކުފާނުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ކުރިއަށް ގެންދިއުމަށް ބޭނުންވާ ބިންތައް ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި ހިއްކާ ނިންމަވާނެ ކަމަށް ވިދާޅުވެފަ އެވެ.