ހަބަރު

ދެ ޖިންސުގެ ހަމަހަމަކަމާ ބެހޭ ބިލް މެންބަރުންގެ އިއްތިފާގުން ބަލައިގެންފި

ސަރުކާރުގެ ފަރާތުން ހުށަހެޅި ދެ ޖިންސުންގެ ހަމަހަމަކާ ބެހޭ ބިލް،"ޖެންޑާ އިކުވަލިޓީ" ބިލު، މަޖިލީހަށް ހާޒިރުވި މެންބަރުން އިއްތިފާގުން ބަލައިގެންފި އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ހުށަހެޅި، ދެ ޖިންސު ހަމަހަމަ ކުރުމާއި ބެހޭ ބިލު ފާސްވުމަށް 30 މެމްބަރުންގެ ވޯޓު ބޭނުންވާ އިރު އެބިލަށް އެމްޑީޕީގެ މެމްބަރުންވެސް ތާއީދު ކުރިއެވެ. އެގޮތުން އެބިލަށް ނެގި ވޯޓުގައި 59 މެމްބަރުން ބައިވެރިވީ އިރު ހުރިހާ މެމްބަރުން ވެސް ވަނީ މި ބިލް އިޖުތިމާއީ ކޮމިޓީއަށް ފޮނުވުމަށް ވޯޓު ދެއްވާފަ އެވެ.

ޖެންޑާ އިކުވަލިޓީ ބިލުގައި ބުނާގޮތުން އަސާސީ ހައްގުތަކާއި މިނިވަންކަން ލިބުމުގައި އަދި އެނޫންވެސް އެހެން ކަމެއްގައި ޖިންސަށް ބަލައިގެން ތަފާތު ކޮށްގެން ނުވާނެ ކަމަށާއި ގާނޫނުގެ ދަށުން ލިބިދޭ ރައްކާތެރިކަމާއި މަންފާތައް ހަމަހަމަކަމާއި އެކު ވަކި ޖިންސަކަށް ނުބަލައި ކޮންމެ މީހަކަށް ވެސް ލިބިފައިވާ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

މި ބިލުގައި ބުނާގޮތުގައި ވަޒީފާ ދިނުމުގައާއި ނުވަތަ އެ ވަޒީފާއެއްގައި ކުރިއެރުން ދިނުމުގައި އަންހެނުންނަށާއި ފިރިހެނުންނަށް ހަމަހަމަ ފުރުސަތު ދޭންޖެހޭނެ ކަމަށާއި އަދި ޖިންސީ ތަފާތު ކުރުމެއް ވަޒީފާދޭ ފަރާތަކުން ގެންގުޅެފި ނަމަ، އެ ހިލާފުވި ހިލާފުވުން އިސްލާހުކުރުމަށް އެދި ތަފާތުކުރުން ރައްދުވި މީހާ ވަޒީފާދޭ ފަރާތަށް ލިޔުމުން ޖަވާބުދާރީވާން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކުން އަންހެނުންނާއި ފިރިހެނުންގެ މެދުގައި ހަމަހަމަކަން ބޭއްވުގެ އަސާސް ކުރިއަރުވަން ވާނެ ކަމަށާއި ސިޔާސީ މައިދާނުގައި ހުރިހާ ފަންތިއެއްގެ ފިރިހެނުންނާއި އެއްހަމަ ފުރުސަތުތަކެއް އަންހެނުންނަށް މަގުފަހި ކޮށްދިނުމަކީ ދައުލަތާއި ސިޔާސީ ޕާޓީތަކުގެ ޒިންމާއެއް ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.