ތިމާވެށި

ކަށަވަރުފަޅު ސަރަހައްދު ހިމާޔަތްކޮށްފި

ވ. ކަށަވަރުފަރު ސަރަހައްދަކީ މިއަދުން ފެށިގެން ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައި އެންވަޔަރަންމަންޓް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން އެންވަޔަރަންމަންޓް މިނިސްޓްރީއަށް ލިބޭ ބާރުގެ ދަށުން ހިމާޔަތްކޮށްފައިވާ މި ސަރަހައްދުގެ ބޮޑުމިނަކީ 978.62 ހެކްޓަރެވެ.

ކަށަވަރުފަޅަކީ ވ. ކެޔޮދޫގެ ދެކުނުގައިވާ ފަޅެކެވެ. މި ފަޅުގެ ދެކުނުފަޅީގެ ބޭރު ފަރާތުގައިވާ ފަރުގެ ފާރަކީ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ޑައިވް ސައިޓެކެވެ.

މި ސަރަހައްދު މަޝްހޫރުވެފައިވަނީ ރީނދޫ ކުލައިގެ މަޑު މުރަކައިގެ ބާވަތްތަކެއް ފަރުގެ ފާރުގައި އުފެދިފައިވާ ގޮތުގެ ސަބަބުންނެވެ. މި ސަރަހައްދަކީ ވެލާކަހަނބުގެ ބާވަތްތައްވެސް ގިނައިން ފެންނަ ސަރަހައްދެކެވެ.

މި ސަރަހައްދުގައި ކުރުން މަނާ ކަންތައްތައް

  • ތެޔޮ، ގޭސް ނުވަތަ އެއްވެސް ބާވަތެއްގެ މައުދަނެއް ހޯދުމަށް ދިރާސާކުރުމާއި މައިން ކުރުން
  • އެއްވެސް ބާވަތެއްގެ ކުނި އެޅުން
  • ބިން ހިއްކުމާއި ފަޅު ފުންކުރުން
  • ގައު، ވެލި، މުރަކަ، އަކިރި ނެގުން
  • ނަގިލިލުން
  • އުމްރާނީ ތަރައްގީގެ މަސައްކަތެއް ނުވަތަ އިންފްރާސްޓްރަކްޗާއެއް ގާއިމުކުރުން
  • އެއްވެސް "ޕޮލިއުޓެންޓެއް" ދޫކުރުން ނުވަތަ ބޭރުވާ ގޮތަށް އައުޓްފޯލް ބެހެއްޓުން
  • އެކުއާކަލްޗާ ނުވަތަ މެރިކަލްޗާގެ މަސައްކަތްކުރުން
  • އެއްވެސް ބާވަތެއްގެ ދިރުމެއް ތައާރަފުކުރުން
  • އަލިވާ ގޮތަށް ރޭގަނޑު އެ ސަރަހައްދު ދިއްލުން

މީގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ކުރާ އެންވެރިކަން ފިޔަވައި އެއްވެސް އެއްޗެއް ނުވަތަ ދިރުމެއް ނެގުމާއި، މެރުމާއި ގޯނާ ކުރުން ނުވަތަ ހިފުން ވަނީ މަނާކޮށްފަ އެވެ.

މަސްމަހާމެއްސާއި، ދޫނިސޫފާސޫފި ހިމެނޭ ގޮތަށް އެއްވެސް ދިރޭ އެއްޗަކަށް ކާންދިނުމާއި ކާން އެޅުން މަނާކޮށްފައިވާއިރު އެއްވެސް ދިރުމެއްގެ ބިސް ނެގުމާއި ހާއްޔަށް ގެއްލުންދިނުންވެސް ވަނީ މަނާކޮށްފަ އެވެ.