އިޒުރޭލާއި ފަލަސްތީނުގެ އަރައިރުން

ޖަބަލިއްޔާ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ފަލަސްތީންގެ ޣައްޒާގެ އެތައްހާސް ބަޔަކު ދިރިއުޅޭ ޖަބަލިއްޔާ ރެފިއުޖީ ކޭމްޕަށް އިޒްރޭލު ސިފައިން ދިން ލާއިންސާނީ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

މިހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 50 އަށް ވުރެ މައްޗަށް ވަނީ އަރާފަ އެވެ. އިންސާނީ އެހީ ދޭ ފަރާތްތަކުންވެސް ވަނީ މިހަމަލާ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.

ޖަބަލިއްޔާ ރެފިއުޖީ ކޭމްޕަށް ބޮން އެޅުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައިވެސް ވަނީ މިހަމަލާގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ރައްޔިތުން ޝަހީދުވެ އެތައް ރައްޔިތުންނެއް ޒަހަމުވި ކަން ފާހަގަކޮށްފަ އެވެ.

މަރުވި މީހުންގެ ތެރޭގައި ގިނަ އަދަދަކަށް ކުޑަކުދިން ހިމެނެ އެވެ.

މިބަޔާނުގައި ބުނެފައިވަނީ އާންމު ރައްޔިތުންނާ ދެކޮޅަށް އިޒްރާއީލުން ދެމުންގެންދާ ހަމަލާތަކާއި ކުރަމުންގެންދާ ލާއިންސާނީ އަމަލުތަކަކީ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ގާނޫނުތަކާ ހިލާފު އަމަލުތަކެއް ކަމަށް ދިވެހި ސަރުކާރުން ދެކޭ ކަމަށެވެ.

ފަލަސްތީނުގެ ކުށެއް ނެތް އާންމު ރައްޔިތުންނާ ދެކޮޅަށް ދެމުންދާ ހަމަލާތަށް ހުއްޓުވުމަށާއި އދގެ އާންމު މަޖިލީހުން މިދިޔަ އޮކްޓޫބަރު 27 ވަނަ ދުވަހު ފާސްކޮށްފައިވާ ގަރާރާ އެއްގޮތަށް ކުރެވެން ހުރި އެންމެހާ މަސައްކަތެއް ކުރުމަށް ދިވެހި ސަރުކާރުން ގައުމުތަކަށް ގޮވާލާފައިވެ އެވެ. އަދި ފަލަސްޠީނުގެ ރައްޔިޔުންނަށް އެއްވެސް ހުރަހެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމަށް ދިވެހި ސަރުކާރުގެ ބަޔާނުގައި އެދިފައިވެ އެވެ.