އެފްއޭއެމް

އެފްއޭމް އިން ނުދައްކާ އޮތް ފަސް ލައްކަ ރުފިޔާ ދެއްކުމަށް ހުކުމްކޮށްފި

އެފްއޭއެމް އިން ބީހައިވް ހޮޓެލްސްއަށް 32،426 އެމެރިކާ ޑޮލަރު -- 498،712 ދިވެހި ރުފިޔާ ދައްކަން ހުކުމްކޮށްފި އެވެ.

ސިވިލް ކޯޓުން އިއްޔެ މިމައްސަލަ ނިންމާފައިވަނީ މައްސަލަ އާއި ގުޅިގެން ހުށަހަޅާފައިވާ ލިޔުންތަކުން އެއީ އެފްއޭއެމް އިން ދައްކަންޖެހޭ ފައިސާ ކަމަށް ސާބިތުބާތީ އެވެ.

އެފްއޭއެމްގެ މާލީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާތީ އެ އިދާރާ އިން އެދުނު ގޮތަށް ބީހައިވް ފައިސާ ދައްކާ ހަލާސްކުރުމަށް ކޯޓުން ވަނީ އެއް އަހަރުގެ މުއްދަތެއް ދީފަ އެވެ.

އެފްއޭއެމްއާ ގުޅޭ ވަރަށް ގިނަ މައްސަލަތައް ކޯޓުގައި މިހާރުވެސް ދަނީ ހިނގަމުންނެވެ. އަދި ބައެއް މައްސަލަތަކުގައި މީގެކުރިން ހުކުމްވެސް ކޮށްފައިވެ އެވެ.

އެފްއޭއެމްއަށް އެކި ފަރާތްތަކުން އެހީއާއި ސްޕޮންސާ ގޮތުގައި ދިން ފައިސާއަށް އެތަނުގެ ވެރިން ހިޔާނާތްތެރިވެފައިވާ ކަމަށް ބުނާ އެތައް މައްސަލަތަކެއްގައި އާންމުން ވާހަކަދައްކަމުން ދަނިކޮށް މިމަހުގެ 22 ވަނަ ދުވަހު ކުއްލި ގޮތަކަށް ފުލުހުން ވަނީ އެފްއޭއެމް ހައުސްއަށް ވަދެ މައްސަލަ ތަހުގީގުކުރަން ފަށާފަ އެވެ.

ފުލުހުން ތުހުމަތުކުރާ ބައެއް މައްސަލަތަކުގެ ހެކިތަކެއް ފުލުހުން ހޯދާފައިވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ.