ފިނިޕޭޖް

"ކޮންސްޓަންޓީން 2" ހަދަނީ

މީގެ 18 އަހަރު ކުރިން 2005 ގައި ނެރުނު ކިއާނޫ ރީވްސް،59،ގެ "ކޮންސްޓަންޓީން"ގެ ސިކުއެލްއެއް ހެދުމަށް ނިންމައިފި އެވެ.

"ކޮންސްޓަންޓީން"ގެ ޑައިރެކްޓަރު ފްރާންސިސް ލޯރަންސް ބުނީ މި ފިލްމުގެ ސްކްރިޕްޓް އަދި ލިޔެފައިނުވާ ކަމަށާއި ލިޔުންތެރިންގެ އިހުތިޖާޖާ ގުޅިގެން ބައެއް މަސައްކަތް ލަސްވީ ކަމަށެވެ. އިހުތިޖާޖް މިހާރު ނިންމާލާފައިވާތީ ޕްރޮޑިއުސާ އަކީވާ ގޯލްޑްސްމޭން އާއި ކިއާނޫއާ އެކު ވާހަކައިގެ ހިޔާލުތަކާ ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށާއި އެ ޕްރޮޖެކްޓް ހެދުމަށް ވަރަށް ބޮޑަށް އުއްމީދުކުރާ ކަމަށް ފްރާންސިސް ބުންޏެވެ.

ސްޓީވަން ކޮލްބިއާ ޝޯއަށް 2021 ވަނަ އަހަރު އަރައި ކިއާނޫ ބުނީ "ކޮންސްޓަންޓީން"ގެ ކެރެކްޓާއަކީ އޭނާ އެންމެ ބޮޑަށް އަނބުރާ އަންނަން ބޭނުންވާ ކެރެކްޓާސްގެ ލިސްޓްގެ އެންމެ ކުރީގައިވާ ކެރެކްޓާ ކަމަށެވެ.

މިއީ މި ފިލްމުގެ ފޭނުން ސިކުއެލްއަކަށް ކުރަމުން ދިޔަ ދިގު އިންތިޒާރު، ކައިރި މުސްތަގްބަލެއްގައި ނިމުމަކަށް އަންނާނެ ކަމަށް ލިބުނު ބޮޑު އުއްމީދެކެވެ.

"ކޮންސްޓަންޓީން" އަކީ ޑީސީގެ "ހެލްބްލޭޒާ" ކޮމިކްސް އަށް ބިނާކޮށްފައިވާ ފިލްމެކެވެ.

މި ފިލްމްގައި ކިއާނޫ އަދާކުރީ ޖިންނި ފުރޭތަ ފަދަ މަހްލޫގުންނާ ހަނގުރާމަކޮށް، އެމީހުންގެ ދުނިޔެއަށް އަނބުރާ ފޮނުވާ މީހެއްގެ ރޯލެވެ.

މި ފިލްމްގައި ކިއާނޫގެ އިތުރުން ރޭޗަލް ވައިޒް، ޓިލްޑާ ސްވިންޓަން، ޖައިމަން ހޮންސޫ، ގެވިން ރޮސްޑޭލް، ޕްރުއިޓް ޓޭލާ ވިންސް، ޝައާ ލަބޫފް އަދި ޕީޓާ ސްޓޯމެއާ ހިމެނެ އެވެ. ބޮކްސް އޮފީހުގައި މިފިލްމަށް 230.9 މިލިއަން ޑޮލަރު ލިބުނެވެ.

މި ކެރެކްޓާއަށް 2014 ގައި މެޓް ރަޔާން ލީޑް ރޯލް ކުޅުނު ސީރީޒެއްވެސް ހަދާފައިވެ އެވެ. އެއް ސީޒަނަށްފަހު މި ސީރީޒް ކެންސަލް ކުރި ނަމަވެސް، މެޓްގެ ކޮންސްޓަންޓީން ކެރެކްޓާ "ލެޖެންޑްސް އޮފް ޓުމޯރޯ"ގައި މައި ރޯލެއް އަދާކޮށްފައިވެ އެވެ. އަދި "ދަ ފްލޭޝް"، "ދި އެރޯ" އަދި "ބެޓްވުމަން" ސީރީޒްގައިވެސް ކެމިއޯ ރޯލް އަދާކުރުމުގެ އިތުރުން، "ކޮންސްޓަންޓީން" އެނިމޭޓަޑް ފިލްމްތައްވެސް ނެރެފައިވެ އެވެ.