ޕީޕީއެމް

ސުޕްރީމް ކޯޓުގައި އޮތް ނަޝީދުގެ މައްސަލައަށް ޕީޕީއެމް ވަންނަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުދާތީ އެކަމަށް ހައްލެއް ހޯދުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ވަނުމަށް -- ތަދައްހުލްވުމަށް ޕީޕީއެމް އިން ވެސް ނިންމައިފި އެވެ.

ރައްޔިތުން މަޖިލީހުގެ އަގުލަބިއްޔަތު އޕތް ޕާޓީ -- އެމްޑީޕީން ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މިމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހު އެވެ.

ސުޕްރީމް ކޯޓުން މިހާރު ވަނީ އަންނަ ހޯމަ ދުވަހު މިމައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ތާވަލްކޮށްފަ އެވެ.

ސުޕްރީމް ކޯޓުގައި އޮތް ނަޝީދުގެ މައްސަލައިގެ ތެރެއަށް ވަންނާނެ ކަމަށް މަޖިލީހުގެ މައިނޯރިޓީ ޕާޓީ -- ދަ ޑިމޮކްރެޓްސް އިންވެސް ކުރިން ބުނެފައިވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ އިތުރުން ނަޝީދާއި އީވާ ނެތް ވަގުތުތަކުގައި ރިޔާސަތުގައި މިފަހުން އާންމުކޮށް އިންނަވާ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް އަކީ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ތިން ބޭފުޅުންނެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ކުރިއަށް ގެންދިއުމަށް އެމްޑީޕީން ބޭނުންވި ނަމަވެސް އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ގެންދަވަނީ އާދިއްތަ ދުވަހުން ފެށިގެން މަޖިލީހަށް ސަލާމް ވިދާޅުވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރުމަށް އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާ އެކު ދެވަނަ ފަހަރަށް ހުށަހެޅީ މިމަހުގެ ނުވަވަނަ ދުވަހު އެެވެ. މިމައްސަލައިގެ ނޯޓިސް ނަޝީދާއި މެންބަރުންނަށް ފޮނުއްވީ މިމަހުގެ 12 ވަނަ ދުވަހު އެވެ.