ފެނަކަ ކޯޕްރޭޝަން

ހަގީގަތާ ހިލާފު ވާހަކަ ލިޔަނީ ނަން ކިލަނބުކުރަން: ފެނަކަ

ފެނަކަ ކޯޕަރޭޝަނާ ގުޅޭގޮތުން ވަކި ނޫހަކު ހަގީގަތަކާ ހިލާފަށް އަބަދު ލިޔަނީ އެ ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން ކުންފުންޏަށް ހޯދައިދީފައިވާ ކުރިއެރުންތަކާއި ކާމިޔާބީތަކަށް ހަސަދަވެރި ނިޔަތެއް އޮވެގެން ކުންފުނީގެ ނަން ކިލަނބުކޮށް ކުންފުނީގެ މެނޭޖްމަންޓާއި މުވައްޒަފުންގެ އަގު ވައްޓާލުމަށް، އެއްވެސް ޒިންމާދާރުކަމެއްނެތި ރޭވުމެއްގެ ތެރެއިން ކަމުގައި ފެނަކަ އިން ބުނެފި އެވެ.

ފެނަކަ ކޯޕަރޭޝަނުން މިހެން ބުނެފައި މިވަނީ އެ ކުންފުނީ 1"00 މިލިއަން ރުފިޔާއާ ގާތްކުރާ ކޮރަޕްޝަނެއް ހިންގަނީ" ކަމަށް ބުނެ އިއްޔެ ނޫހަކު ޝާއިއުކުރި ލިޔުމެއް ދޮގުކޮށް ނެރުނު ބަޔާނެއްގައެވެ.

މިބަޔާނުގައި ބުނެފައިވަނީ ފެނަކަ ކޯޕަރޭޝަނުން ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކުގައި، ކޮރަޕްޝަނަށް މަގުފައިވާ ގޮތަށް އަމަލުކުރާ ކަމަށް ދޭހަވާގޮތަކަށް ލިޔެ ފަތުރަމުންދަނީ އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.

ފެނަކަ ކޯޕަރޭޝަނަކީ 73 ރަށެއްގެ ފެނުގެ ނިޒާމާއި 88 ރަށެއްގެ ނަރުދަމާ ނިޒާމުގެ އިތުރުން ހަ ރަށެއްގެ ބޯފެނުގެ ނިޒާމު ހިންގަމުންދާ ކުންފުންޏެކެވެ.

އެހެންވެ ފެނަކަ އިން ބުނީ އެ ކުންފުނިން ހިދުމަތް ދޭ ރަށްތަކުގައި އާންމު ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް މެދުކެނޑުނަނުދީ ފޯރުކޮށްދިނުމަކީ އެ ކުންފުންޏަށް މަތިކުރެވިފައިވާ ގާނޫނީ ޒިންމާއެއް ކަމަށެވެ. ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ދުވަހުން ދުވަހަށް ކުންފުނީގެ އޮޕަރޭޝަންތަކަށް ހޯދަންޖެހޭ މެޓީރިއަލްސް ކުންފުނީގެ ޕްރޮކިއުމަންޓް ނިޒާމުގެ ތެރެއިން ހޯދަމުން ދިއުމަކީ އަބަދުވެސް ކުރަމުންދާ މަސައްކަތްތަކެއް ކަންވެސް ފާހަގަކޮށްފައިވެ އެވެ.

ފެނަކަ އިން ބުނީ އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތް ހުއްޓުމަކަށް އަޔަނުދީ ދުވަހުން ދުވަހަށް ހޯދަންޖެހޭ މެޓީރިއަލްސް އާއި ދުރާލައި ހޯދަންޖެހޭ މެޓީރިއަލްސް ހޯދުމުގެ މަސައްކަތް ކުރަމުންދަނީ އެއްވެސް މިންވަރަކަށް ކޮރަޕްޝަންގެ އަމަލެއް އެ މުއާމަލާތެއްގައި ނުހިމެނޭކަން ކަށަވަރުކުރުމަށްފަހު ވާދަވެރި ޕްރޮކިއުމަންޓް ނިޒާމެއްގެ ތެރެއިން ކަމަށެވެ. އެހެންވެ ދުވަހުން ދުވަހަށް ހިންގޭ އޮޕަރޭޝަންތަކަށް ބޭނުންވާ މެޓީރިއަލްސް ހޯދުމަކީ އެއްވެސް މައްސަލައެއް އޮންނަން ޖެހޭނެ ސަބަބެއް ކަމަކަށް ނުދެކޭ ކަމަށްވެސް ބަޔާނުގައިވެ އެވެ. އެހެންކަމުން އެ ކުންފުނިން ހިންގާ އެއްވެސް މުޢާމަލާތެއްގައިވެސް ކޮރަޕްޝަނަށް މަގުފައިވެދާނެ ފަދަ އެއްވެސް އަމަލެއް ހިންގަމުން ނުދާނެ ކަމުގެ ފުރިހަމަ ޔަީންކަން ދޭ ކަމަށްވެސް ބަޔާނުގައިވެ އެވެ.

"އާންމު ރައްޔިތުންގެ ހިތްތަކުގައި މި ކުންފުންޏާއި މެދު ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް ކަމުގެ ހަގީގަތް ސާފުކުރުމެއްނެތި މިފަދަ ހަބަރުތައް ތަކުރާރުކޮށް އާންމުކުރުމަކީ އެންމެ ޒިންމާދާރުކަމާއެކު ކޮށްފައިވާ ކަމެއްކަމަށް މި ކުންފުނިން ނުދެކެމެވެ." ފެނަކަ ކުންފުނީގެ ބަޔާނުގައިވެ އެވެ.

ފެނަކަ އިން ވަނީ އެ ކުންފުންޏާ ގުޅޭ ހަބަރުތައް ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅޭގޮތަށް އާންމު ނުކުރުމަށްވެސް އިލްތިމާސްކޮށްފަ އެވެ.