ރައީސް މުހައްމަދު ނަޝީދު

ނަޝީދު ވަކިކުރަން އާދިއްތަ ދުވަހުވެސް ޖަލްސާއެއް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާކޮށް އާދިއްތަ ދުވަހުވެސް ޖަލްސާއެއް ބޭއްވުމަށް ނިންމައިފި އެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އާދިއްތަ ދުވަހުގެ ޖަލްސާއަށް ވެސް އެޖެންޑާ ކުރީ މަޖިލީހުގެ އަގުލަބިއްޔަތު ޕާޓީ -- އެމްޑީޕީން އެކަމަށް ތަކުރާރުކޮށް އެދެމުންދާތީ ކަމަށެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅިފައި ވަނިކޮށް އެ މައްސަލަ ނުނިންމާ އެހެން އެއްވެސް މަސައްކަތެއް ނުކުރެވޭނެ ކަމަށް އެމްޑީޕީން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

މަޖިލީހުގެ އިދާރާ އިން ވަނީ މިހަފްތާގެ އާދިއްތަ، ހޯމަ، ބުދަ އަދި މިއަދުވެސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ތާވަލްކޮށްފަ އެވެ. ނަމަވެސް ޖަލްސާތައް ކެންސަލް ކުރަންޖެހެނީ އެ ޖަލްސާތަކުގެ ރިޔާސަތުގައި އިންނަވަން ޖެހިވަޑައިގަންނަވާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ކޮންމެ ދުވަހުގެ ޖަލްސާއަށް ވެސް ސަލާމް ފޮނުއްވަވަމުން ގެންދަވާތީ އެވެ.

މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމަށް ހުށަހެޅީ 49 މެންބަރުންގެ ސޮޔާއެކުގަ އެވެ. މިމައްސަލަ ކުރިއަށް ނުދާތީ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އެމްޑީޕީން މިހާރު ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފަ އެވެ. މިމައްސަލައިގެ އަޑުއެހުންތައް ހޯމަ ދުވަހު ފެށުމަށް މިހާރު ވަނީ ނިންމާފަ އެވެ.

މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ބ. ގައިވާ ގޮތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސެވެ. އެހެންކަމުން ނަޝީދު މަގާމުން ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ނިންމާފަ އެވެ.