ދުނިޔެ

ރަޝިއާއިން 28 ޓަނުގެ އެހީ ޣައްޒާގެ ރައްޔިތުންނަށް

ޔަހޫދީ ސަރުކާރުގެ ރޭވުންތައް ތަންފީޒުކުރުމަށް ޔަހޫދީ އަސްކަރިއްޔާ އިން ފަލަސްތީންގެ ޣައްޒާއަށް ދެމުންދާ ފަނާކުރަނިވި ހަމަލާތައް ކުށްވެރިކުރުމުގައި ރަޝިއާ އޮތީ ވަރަށް ކުރީގަ އެވެ.

ރަޝިއާ އިން އދ އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ ސަފީރު ވަސިލީ ނިބިންޒިއާ ސަލާމަތީ މަޖިލީހުގައި ވާހަކަދައްކަވަމުން އެތައް ފަހަރަކު ވަނީ ފަލަސްތީންގެ ދިފާއުގައި ވާހަކަދައްކަވާފަ އެވެ.

އެމެރިކާ އާއި އިނގިރޭސިންގެ ރޭވުމަށް ފަލަސްތީންގެ ބިންތަކުގައި ޔަހޫދީ އާބާދީތަކެއް އުފައްދާފައި އޮތް އޮތުމަކީ ބިން ފޭރުމުގެ އަމަލެއް ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.

ޔަހޫދީންގެ ދިފާއުގައި ކަމަށް ބުނެ ފަލަސްތީނަށް ހަމަލާދިނުމަކީ ޔަހޫދީ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ރަޝިއާ އިން ގަބޫލުކުރެ އެވެ.

އަނެއްކޮޅުން ރަޝިއާގެ އެމެޖެންސީ މިނިސްޓްރީން ވަނީ ޣައްޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް މަތިންދާބޯޓުތައް ޗާޓަރުކޮށްފަ އެވެ.

އެމެޖެންސީ މިނިސްޓްރީން ބުނާ ގޮތުން ފުރަތަމަ ބުރުގައި ވެސް ޣައްޒާގެ ރައްޔިތުންނަށް 28 ޓަނުގެ އެހީ ރަޝިއާ އިން ފޮނުވާނެ އެވެ.

ރަޝިއާއިން އެހީ ހިފައިގެންދާ ދެ މަތިންދާބޯޓު ދާނީ މިސްރަށެވެ. އެހީގެ ޝިޕްމަންޓްތައް ހަވާލުކުރާނީ މިސްރުގެ ރެޑް ކްރެސެންޓް ސޮސައިޓީ އަށެވެ.

އެމެޖެންސީ މިނިސްޓްރީން ރަޝިއާގެ ތާސް ނޫހަށް ބުނި ގޮތުން ޣައްޒާގެ ހާލަތު ވަރަށް ގާތުން ބެލުމަށް ރައީސް ޕޫޓިން އޮތީ އަމުރުކުރައްވާފަ އެވެ. އަދި އެހީތެރިކަން ބޭނުންވާ ހުރިހާ ދިމާއެއް ބަލައި، އެހީ ފޯރުކޮށްދިނުމަށް ވެސް އޮތީ އަމުރުކުރައްވާފަ އެވެ.

ރަޝިއާއިން ޣައްޒާއަށް ފޯރުކޮށްދެ އެހީގެ ތެރޭގައި ބޭސްފަރުވާ އާއި ކާބޯތަކެތި އަދި އަންނައުނު ހިމެނެ އެވެ.

ޣައްޒާއިން ހަމާސްގެ ހަނގުރާމަވެރިން ނައްތާލުމަށް ކަމަށް ބުނެ ޔަހޫދީ އަސްކަރީ ބާރުތައް މިހާރު ތިބީ ޓޭންކްތަކާއި ބޮޑުބަޑި ހިފައިގެން ގޮސް ޣައްޒާ ވަށާލާފަ އެވެ.

ޔަހޫދީ އަސްކަރީއްޔާއިން ވަޔާއި ކަނޑު އަދި އެއްގަމުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި އެޔެއް މިއެއް ނުބަލައި ހޮސްޕިޓަލުތަކަށް އަދި ރެފިއުޖީ ކޭމްޕްތަކަށްވެސް ވަނީ ހަލާތައް ދީފަ އެވެ.

ޔަހޫދީންގެ މި ހަމަލާތަކާ މެދު ދުނިޔެ ދެކެނީ ފަލަސްތީންގެ ނަސްލު ނައްތާލަން ދޭ ހަމަލާތަކެއް ގޮތުގަ އެވެ.

ހަމާސްގެ ހަނގުރާމަވެރިންނަށް ހަމަލާތައް އަމާޒުކުރުމުގެ ބަދަލުގައި ޔަހޫދީންގެ ހަމަލާތަކުގައި މަރާފައިވަނީ އާންމުންނެވެ. މީގެތެރޭގައި ދުވަސްވީ މީހުންނާއި ކުޑަކުދިން ވަރަށް ގިނަ އަދަދަކަށް ހިމެނެ އެވެ.