ދުނިޔެ

"ބައިޑަން އަރަބިންގެ ގަދަރު ކުޑަކުރައްވައިފި"

އަރަބިންގެ ރިހުމަށް އެއްވެސް ހަމްދަރުދީއެއް ނެތި އެމެރިކާގެ ރައީސް މެދުއިރުމަތީގެ ސިޔާސަތުތައް އަމިއްލައަށް ކަނޑައަޅުއްވައި އިހްތިޔާރު ކުރައްވަމުން ގެންދަވާ ގެންދެވުމުގެ އަގު އަމިއްލަ ޖީބުން ދައްކަވަން ޖެހިވަޑައިގަންނަވާނެ ކަމަށް އެމެރިކާގެ ވާޖީނިއާ ސްޓޭޓްގެ ކުރީގެ ސެނޭޓަރު ރިޗާޑް ބްލެކް ވިދާޅުވެއްޖެ އެވެ.

ވަށައިގެން ބައްދާފައި އޮތް ފަލަސްތީންގެ ޣައްޒާއަށް ޔަހޫދީން ހިތުހުރި ގޮތެއް ހަދަމުން ގެންދާއިރު އެމެރިކާގެ ސިޔާސަތަކީ އަތްޖަހާފައި ސާބަސް ދިނުން ކަމަށް ކުރީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ތުހުމަތުކުރެއްވި އެވެ.

އޭނާ ވިދާޅުވީ އޮކްޓޯބަރު ހަތެއްގައި ޔަހޫދީ ސިފައިން ޣައްޒާއަށް ހަމަލާދޭން ފެށި ފަހުން ފަލަސްތީނުން 10،000 އަށް ވުރެ ގިނަ މީހުން މަރުވެދާނެ ކަމަށެވެ.

ޣާއްޒާގެ ޖަބާލިއާ ރެފިއުޖީ ކޭމްޕަށް ޔަހޫދީން އިންޒާރެއް ނެތި ދިން ކުއްލި ހަމަލާތަކުގައި އެކަނިވެސް 400 އަށް ވުރެ ގިނަ މީހުން މަރުވިކަން އޭނާ ފާހަގަކުރެއްވި އެވެ.

ރިޗާޑް ވިދާޅުވީ އަރަބިންނަށް ގަދަރު ކުޑަކޮށް އިހާނެތިކޮށް ހިތުމުގެ ނަތީޖާއަކަށް ވާނީ އަންނަ އަހަރު އެމެރިކާގައި އޮންނަ ރިޔާސީ އިންތިޚާބު ބައިޑަންއަށް ގެއްލުން ކަމަށެވެ.

އެމެރިކާގެ އަރަބި އާބާދީގެ ގިނަ ބަޔަކު މިހާރު ތިބީ ބައިޑައަށް ވޯޓު ދޭ ގޮތަކަށް ނޫނެވެ. އަރަބި ކޮމިއުނިޓީ އަކީ އެމެރިކާގައި އިންތިހާބެއްގެ ނަތީޖާ ބަދަލުކޮށްލުމަށް ކުޅަދާނަ އާބާދީ އެކެވެ.

ސެނެޓަރު ވިދާޅުވީ އެމެރިކާއިން ރަހުމެއް ނެތި ޣައްޒާއަށް ހަމާދިނުމަށް ޔަހޫދީންނަށް އެއްބާރުލުން ދިނުމުގެ ސަބަބުން، ބައިޑަން ނިސްބަތްވާ ޑިމޮކްރެޓިކް ޕާޓީ ތެރޭގައި ވެސް ހިޔާލު ތަފާތުވުން އުފެދިފައިވާ ކަމަށެވެ.

ބައިޑަންއަށް ކުރިއަށް އޮތް ދައުރު ވަރަށް މުހިއްމުވެފައި އޮއްވައި، ރައީސްކަމުގެ ހައިސިއްޔަތުން ލިބިފައި އޮތް ބާރުވެރިކަމެއްގެ ބޭނުން ހިއްޕަވަނީ އަމިއްލައަށް ޒަހަމްވުމަށް ކަމަށްވެސް އޭނާ ދެކެވަޑައިގަންނަވަ އެވެ.

ޔަހޫދީންގެ ތެރޭގައި ހިމެނޭ ބޮޑެތި ވިޔަފާރިވެރިން ޑިމޮކްރެޓިކް ޕާޓީއަށް ވަރަށް ބޮޑު ހޭދައެއް ކުރެ އެވެ. އެ މީހުންގެ ހޭދައާ ނުލައި ބައިޑަންއަށް ކެމްޕޭން ކުރެއްވުމަށް ދަތިވާނެ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް ޔަހޫދީންގެ ތެރޭގައި ހިމެނޭ މިބުނާ މީހުން ތިބީ ޣައްޒާއަށް ދެމުންދާ ހަމަލާތައް ކުރިއަށް ގެންދާ ގޮތަކަށް ނޫނެވެ. އެ މީހުން ބޭނުންވަނީ ހަމަލާތައް ވީ އެންމެ އަވަހަށް ނިންމާލުމަށެވެ.

ޣައްޒާ ހަނގުރާމައަށް ތާއީދުކޮށް ގޮވާލަނީ ޔަހޫދީންގެ ތެރޭގައި ހިމެނޭ ވަކި ބައިގަނޑެކެވެ. ފޭރިގެންފައި އޮތް ފަލަސްތީންގެ ބިންތަކުގައި އަޅާފައި ހުރި އާބާދީތަކުގައި ގިނައީ ފަލަސްތީން ނައްތާލަން ގޮވާލާ ޔަހޫދީންނެވެ.