ތިމާވެށި

ރާއްޖޭގައި ބައޯޑީސަލް އުފައްދަން އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖޭގައި ބަޔޯޑީސަލް އުފެއްދުމަށް ދިވެހި ކުންފުންޏެއް ކަމަށްވާ އެޓްމޮސްފިއާ ކޯ އިން ދުބާއީގެ ލޫތާ ބައޯފިއުލްސްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ދުބާއީގެ މަދީނަތު ޖުމެއިރާގައި ކުރިއަށް ގެންދިޔަ "ދުބާއީ ބިޒްނެސް ފޯރަމް"ގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހު އެއްބަސްވުމުގައި ދެ ކުންފުނިން ސޮއިކުރިއިރު މިރަސްމިއްޔާތުގެ ނައިބް ރައީސް ފައިސަލް ނަސީމުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެޓްމޮސްފިއާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން އިސްމާއީލް ހިލްމީ އެވެ. ލޫތާގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޔޫސުފް ބިން ސައީދު ލޫތާ އެވެ.

މިއެއްބަސްވުމުގެ ދަށުން ބަޔޯޑީސަލް އުފެއްދުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި ހިންގާ ރިސޯޓްތަކާއި ހޮޓާތަކާއި ރެސްޓޯރެންޓްތަކާއި އަދި އާންމު ބައެއް ގޭބިސީތަކުގައި ބޭނުންކޮށްފައި ހުންނަ ކައްކާ ތެޔޮ ހޯދައި އެފަދަ ތެޔޮ އަލުން ބޭނުންކުރެވޭ ގޮތް ހަދައިގެންނެވެ. މިމަސައްކަތް ރަނގަޅަށް ފެށުމާ އެކު ޑީސަލްގެ ބަދަލުގައި ތިމާވެއްޓާ ރައްޓެހި ބަޔޯޑީސަލް ބޭނުންކުރަން ފެށޭނެ ކަމަށާއި އޭރުން ރާއްޖޭގައި ޖައްވަށް ދޫކުރާ ކާބަންޑައޮކްސައިޑްގެ ނިސްބަތް މަދުކުރެވޭނެ ކަމަށް އެޓްމޮސްފިއާ އިން ދެކެ އެވެ.

އެޓްމޮސް ފިއާ އިން ބުނީ ރާއްޖެއަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ނެޓް ޒީރޯ ކާބަން އެމިޝަން ގައުމަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒު ހާސިލްކުރުމަށްޓަކައި ރާއްޖޭގައި ބަޔޯޑީސަލް އުފެއްދުމަށް އެ ކުންފުނިން ކުރާ މަސައްކަތް ބޮޑު ދައުރެއް އަދާކުރާނެ ކަމަށެވެ.

ދުބާއީ ލޫތާ ކުންފުނިން ވަނީ ބައޯފިއުލްސްއާ ގުޅޭ އެއްބަސްވުމެއްގައި މިއަހަރުގެ މާޗް މަހުގެ ތެރޭގައި ރާއްޖޭގެ ފެނަކަ ކޯޕަރޭޝަނާ އެކުވެސް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.