ބޯހިޔާވަހިކަން

4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓް އާންމުކޮށްފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުރިއަށް ގެންދާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި މިހާރު ހަދަމުންދާ 4،000 ފްލެޓް ލިބޭ މީހުން އެނގޭ ގޮތަށް ދާއިމީ ލިސްޓް އާންމުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ތިން ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނޭ މީހުންގެ ތެރެއިން މިހާރު އިމާރާތް ކުރަމުންގެންދާ 4،000 ފުލެޓް ލިބޭ މީހުންގެ ތެރޭގައި ހިމެނެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުން ކަމަށެވެ. އަދި ދެ ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނޭ މީހުންގެ ތެރެއިން މިހާރު އިމާރާތް ކުރަމުންގެންދާ 4،000 ފުލެޓް ލިބޭ މީހުންގެ ތެރޭގައި ހިމެނެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުން ކަމަށެވެ.

އިއުލާންގައި ބުނެފައިވަނީ 4،000 ފުލެޓްގެ ތެރެއިން ފުލެޓް ލިބޭ މީހުންނަށް ލިބޭ ފުލެޓް ކަނޑައަޅާނީ ގުރުއަތުލައިގެން ކަމަށެވެ. ގުރުއަތުލުމަށް ހާޒިރުވާނެ ދުވަހާއި ގަޑި ޕޯޓަލް މެދުވެރިކޮށް އެންގުމަށް ވަނީ ހަމަޖެހިފަ އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ 4،000 ފުލެޓް ލިބޭ މީހުންގެ ތެރޭގައި ނުހިމެނޭ އެކަމަކު ޝަރުތު ހަމަވާ ކަމަށް ދާއިމީ ލިސްޓްގައި ކަނޑައަޅާފައިވާ މީހުންނަށް ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ފުލެޓެއް ދިނުމަށް ހަމަޖެހިފައިވާކަމުގެ ލިޔުން ޕޯޓަލް މެދުވެރިކޮށް ލިބޭނެ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ. ދެމަފިރިން ވަކިން ހުށަހަޅައިގެން ފުލެޓް ލިބުމަށް ހޮވިފައިވާނަމަ ފުލެޓް ދިނުމަށް ހަމަޖެހިފައިވަނީ ދެމަފިރިންގެ ތެރެއިން ކަނޑައަޅާ އެއް ފަރާތަކަށް ކަމަށްވެސް އިއުލާންގައި ބުނެފައިވެ އެވެ.

ހުޅުމާލެ އިން ދޫކުރަން ތައްޔާރުވަމުންދާ 4،000 ފްލެޓާ ގުޅޭ ދާއިމީ ލިސްޓް އާންމުކޮށްފައި މިވަނީ މިކަމާ ގުޅިގެން އޭސީސީ އަށް މައްސަލައެއްވެސް ހުށަހަޅާފައި ވަނިކޮށެވެ.

މާލެ ސަރަހައްދުން ފުލެޓް ދޫކުރުމަށް ކުރިއަށް ގެންދާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން 4،000 ފްލެޓް އަޅަން ސަރުކާރުން ހަވާލުކޮށްފައިވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަނަށެވެ. މިމަޝްރޫއުގައި ހިމެނޭ ޓަވަރުތަކުގެ ތެރެއިން ހަ ޓަވަރެއްގެ ފިނިޝިން މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށް އެބަދެ އެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ދެ މަޝްރޫއެއްގެ ގޮތުގައި ދެ ކުންފުންޏަކުންނެވެ. އެގޮތުން އިންޑިއާގެ ދެ ކުންފުނި ކަމަށްވާ އެންބީސީސީ އިން 2،000 ފްލެޓު އަދި ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑުން 2،000 ފްލެޓު އަޅާނެ އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކުރަނީ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނޭ ފްލެޓްތަކެކެވެ. މީގެތެރެއިން ދެ ކޮޓަރި ހިމެނޭ އެޕާޓްމަންޓްގައި ހުންނާނީ 650 އަކަފޫޓުގެ 1،200 ހައުސިން ޔުނިޓާއި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގައި ހުންނާނީ 900 އަކަފޫޓްގެ 2،800 ހައުސިން ޔުނިޓެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް އާންމުކުރީ މިދިޔަ ސެޕްޓެމްބަރު 27 ވަނަ ދުވަހު އެވެ.