ފިނިޕޭޖް

ކޮރަޕްޝަނާ ދެކޮޅު ޑްރާމާ "ބިތުފަންގި" މިރޭ ޕްރިމިއާކުރަނީ

ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގާ ކެމްޕޭނެއްގެ ތެރެއިން އުފައްދާފައިވާ ޑްރާމާ ސިލްސިލާ "ބިތުފަންގި" މިރޭ ޕްރިމިއާކުރާ އިރު ރާއްޖޭގެ މުޖުތަމައާ ގުޅޭ ވަރަށް އިބްރަތްތެރި މެސެޖްތަކެއް މިއިން ލިބިގެންދާނެ ކަމަށް އޭސީސީން ބުނެފި އެވެ.

އޮލިމްޕަހުގައި ބާއްވާ ރަސްމީ ހަފުލާއެއްގައި މިރޭ 9:00ގައި "ބިތުފަންގި" ޕްރިމިއާކުރުމަށް ފަހު ޓީވީއެމް އިން މި ޑްރާމާގެ އެޕިސޯޑްތައް ގެނެސްދޭނީ ކޮންމެ ހަފުތާއެއްގެ ބުދަދުވަހުގެ ރެ އެވެ. ޑްރާމާގެ ގަޑިއަކީ 10:00 އެވެ. މިރޭ ވެސް ޕްރިމިއާ ހަފުލާ އަށް ފަހު ޑްރާމާ ޓީވީ އިން ދައްކާނީ ދިހައެއް ޖަހާއިރު އެވެ.

މި ޑްރާމާ ލިޔެ ޑައިރެކްޓްކޮށްފައި ވަނީ ރާއްޖޭގެ މަޝްހޫރު އަދި އެހާމެ އިހްތިރާމް ވެސް ލިބިފައިވާ ޑައިރެކްޓަރެއްކަމުގައިވާ ޓެޑްރީ މުހައްމަދު ނިޔާޒު އެވެ. އޭނާގެ މި މަސައްކަތް ވެގެންދާނީ ރަސްމީކޮށް ޑައިރެކްޓްކުރި ހަމައެކަނި ފިލްމު ކަމުގައިވާ "ދެރިޔާ" އަށް ފަހު ބެލުންތެރިންނާ ހަމަ އަށް ގެނެސްދޭ ފުރަތަމަ ޑައިރެކްޝަނަށެވެ.

ޓީވީއެމްއާ އެކު މި ޑްރާމާ ރާއްޖޭގެ އެހެން ޗެނަލްތަކުން ވެސް ދައްކާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

"ބިތުފަންގި" ޓީވީ ޑްރާމާގެ ދެ ވަނަ ސީޒަން ފަށަން އޭސީސީން ތައްޔާރުވެފައިވާއިރު، އެ ޑްރާމާއަކީ ރާއްޖޭގެ އޯޑިއެންސަށް ވަރަށް ބޮޑު ނުފޫޒެއް ފޯރާނެ ޑްރާމާއަކަށް ވާނެ ކަމަށް އޭސީސީގެ އެޑިއުކޭޝަން އޮފިސާ މުހައްމަދު ސަލީމް މިއަދު ވިދާޅުވި އެވެ.

ރާއްޖޭގައި އާންމުކޮށް ހިނގާ ކޮރަޕްޝަންގެ އަމަލުތަކާއި ހިނގާފައިވާ ބައެއް ހާދިސާތަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ އެ ސިލްސިލާއިން އެންމެ އާދައިގެ މީހާއިން ފެށިގެން އެންމެ މަތީ ފަންތީގެ މީހާއަށްވެސް ކޮރަޕްޝަންގެ ނުރައްކާތެރިކަން ދައްކުވައިދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބިތުފަންގި ޑްރާމާ އަކީ އާންމުކޮށް މި ދައްކާ ޑްރާމާ ތަކާ ތަފާތު ޑްރާމާ އެއް. މީގެ ބޮޑު ބޭނުމަކީ މުޖުތަމައަށް މެސެޖެއް ފޯރުކޮށްދިނުން. އެހެންވެ ޑްރާމާ ތައްޔާރުކުރި އިރު ވަރަށް ބޮޑަށް ބަލާފައިވާނެ ރާއްޖޭގެ މާހައުލާއި ވަރަށް ބޮޑަށް ގުޅުވަން. ރާއްޖޭގައި އާންމުކޮށް ހިނގާ، ނުވަތަ ހިނގައިފާނެ ކަންކަމަށް މި ޑްރާމާ ތައްޔާރުކުރި އިރު ބަލާފައިވާނެ. އެހެންވީމަ އާންމުންގެ ތަރުހީބު މިއަށް ވަރަށް ބޮޑަށް ލިބޭނެ ކަމަށް ގަބޫލުކުރަން،" ސަލީމް ވިދާޅުވި އެވެ.

"ބިތުފަންގި" ސީޒަން ދޭއްގެ މަންޒަރުތައް ނަގައިފައި ވަނީ މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގެ އިތުރުން މާލެއާ ކައިރި ބައެއް ރަށްރަށުގަ އެވެ. މި ޑްރާމާއިން ފިލްމީދާއިރާގައި މަސައްކަތްކަތްކުރާ ބައެއް ޒުވާން ތަރިންނާއި، ދުވަސްވީ ތަރިންގެ އިތުރަށް މުޅިން އާ މޫނުތަކެއް ވެސް ފެނިގެންދާނެ އެވެ.