މާލޭ ސިޓީ ކައުންސިލް

އާ ސަހަރާގެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނީގެ އެއްބަސްވުން ބާތިލްކޮށްފި

އާ ސަހަރާ ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ޕީއެންޕީ މޯލްޑިވްސްއާ އެކު މާލެ ސިޓީ ކައުންސިލުން ހަދާފައިވާ އެއްބަސްވުން ބާތިލްކޮށްފި އެވެ.

ކައުންސިލުން އިސްވެ އެއްބަސްވުން ބާތިލްކުރީ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާތީ އިތުރު މުއްދަތު ދިނުމަށްފަހު އެއް މުއްދަތުގެ ތެރޭގައިވެސް އެކަށީގެންވާ ގޮތަކަށް މަސައްކަތް ކުރިއަށް ނުދިއުުމުންނެވެ.

ޕީއެންޕީއާ މިއަހަރުގެ މެއި މަހުގެ ތެރޭގައި ހަވާލުކުރީ އާސަހަރާ މިސްކިތުގައި އަންހެނުންނާއި ފިރިހެނުންނަށް ނަމާދުކުރުމަށް ކަނޑައެޅިފައިވާ ޖާގަ އިތުރުކުރުމާއި، އަންހެނުންނަށް ހާއްސަކޮށް ވުޟޫކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި އަދި ސަހަރާގައި މަޑުކޮށްލައިގެން ތިބެވޭނެ ވެއިޓިން އޭރިއާއެއް ހެދުމަށެވެ.

މިމަސައްކަތް ހަވާލުކުރީ ގިނަ ވެގެން ދެ މަސް ތެރޭގައި ނިންމުމަށް އަމާޒުކޮށްގެން 4.9 މިލިއަން ރުފިޔާ އަށެވެ.

އެއްބަސްވުން ބާތިލްކުރި ޕީއެންޕީ މޯލްޑިވްސް އަށް 3.6 މިލިއަން ރުފިޔާއާ އެކު މުޅި ޕްރޮޖެކްޓުގެ 53 ޕަސަންޓް ފައިސާ ވަނީ ދޫކޮށްފަ އެވެ. މީގެތެރޭގައި ހިމެނެނީ 15 ޕަސެންޓު އެޑްވާންސް ފައިސާއާ އެކު މަސައްކަތަށް ދޫކުރި 2.6 މިލިއަން ރުފިޔާ އެވެ.