އޭސީސީ

ޝަކުވާތައް ބެލުމަށްފަހު ނޫނީ ފްލެޓްގެ އެއްވެސް މުއާމަލާތެއް ނުކުރަން އޭސީސީ އިން އަންގައިފި

މި ސަރުކާރުން ކުރިއަށް ގެންދާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ އިން ދޫކުރަން ނިންމާފައިވާ 4،000 ފުލެޓް ލިބޭ މީހުންގެ ލިސްޓަށް ހުށަހަޅާ ޝަކުވާތަކަށް ބެލުމަށްފަހު ނޫނީ ފްލެޓް ހަވާލުކުރުމުގެ އެއްވެސް މުއާމަލާތެއް ނުކުރަން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްލޭނިން މިނިސްޓްރީއަށް މިއަދު އަންގައިފި އެވެ.

އޭސީސީން ބުނީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ފުރަތަމަ ފުލެޓް ލިބޭނެ 4000 މީހުން ކަނޑައަޅައި ފުލެޓް ލިބޭ މީހުންގެ ލިސްޓް އާންމުކޮށްފައިވަނީ ޕޮއިންޓް ދިނުމުގެ އުސޫލާ ހިލާފަށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުލިބޭހެން ވަކި ބަޔަކަށް ނާޒާއިޒު މަންފާ ހޯދައި ދިނުމުގެ ގޮތުން ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ކޮމިޝަނުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެހެންކަމުން އެ ސްކީމްގެ ދަށުން ދޫކުރާ ފުލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމާއި، އެ ފުލެޓުތައް ހަވާލުކުރުމާ ގުޅުންހުރި އެންމެހާ މަސައްކަތްތައް، ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއްދީ، އެ ޝަކުވާތަކަށް ބެލުމަށްފަހު ނޫނީ ކުރިއަށް ނުގެންދިއުމަށް ޕްލޭނިން މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.

ހުޅުމާލޭގައި ނިންމުމުގެ މަސައްކަތް ކުރަމުންދާ މިސަރުކާރުގެ 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓް އާންމުކުރުމާ އެކު އެކަމާ ހިތްހަމަނުޖެހިގެން ބަޔަކު މިއަދު ވަނީ ޕްލޭނިން މިނިސްޓްރީ ތެރެއަށް ވަދެ އިހުތިޖާޖުކޮށްފަ އެވެ.

އިހުތިޖާޖު ކުރި މީހުންގެ މައިގަނޑު ކަންބޮޑުވުމަކީ 4،000 މީހުން ކަނޑައެޅި ގޮތާއި ފްލެޓަށް ފޯމު ހުށަހެޅި އެންމެންގެ ދިރިއުޅުމުގެ ހާލަތު ނުބަލައި މާކްސް ދީފައިވާ ގޮތް ސާފު ނުވުމެވެ.

ސަރުކާރުން ކުރިއަށް ގެންދާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި މިހާރު ހަދަމުންދާ 4،000 ފްލެޓް ލިބޭ މީހުން އެނގޭ ގޮތަށް ދާއިމީ ލިސްޓް އާންމުކުރީ އިއްޔެގެ ވަގުތެއްގައެވެ.

ޕްލޭނިން މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ތިން ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނޭ މީހުންގެ ތެރެއިން މިހާރު އިމާރާތް ކުރަމުންގެންދާ 4،000 ފުލެޓް ލިބޭ މީހުންގެ ތެރޭގައި ހިމެނެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުން ކަމަށެވެ. އަދި ދެ ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުން ކަމަށެވެ.

އެ ފްލެޓްތައް ލިބޭ މީހުންގެ ލިސްޓް ކަނޑައަޅައި އާންމުކުރުމުން ޝަކުވާތަކެއް ހުރުމާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް ފުރުސަތު ވަނީ މިއަދުން ފެށިގެން މިމަހުގެ ނުވަ ވަނަ ދުވަހުގެ ހަވީރު 4:00ގެ ނިޔަލަށް ހުޅުވާލާފަ އެވެ.