ސުޕްރީމް ކޯޓް

ތަދައްޚުލްވުމަށް ޑިމޮކްރެޓުންނަށް ފުރުސަތެއް ނުދިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުދާތީ އެކަމަށް ހައްލެއް ހޯދުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ވަނުމަށް -- ތަދައްހުލްވުމަށް ދަ ޑިމޮކްރެޓްސްއަށް ފުރުސަތު ނުދޭން ނިންމައިފި އެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް ތަދައްޚުލް ވުމަށް ޑިމޮކްރެޓުންނަށް ނިސްބަތްވާ ނުވަ މެންބަރަކު ހުށަހެޅުއްވި ނަމަވެސް އެ ބޭފުޅުންނަށް ފުރުސަތު ނުދޭން ނިންމާ އެކަން އަންގާފައިވާ ކަމަށް ޑިމޮކްރެޓުންގެ އިސް ބައެއް ބޭފުޅުން ވަނީ އަވަސްއަށް ޔަގީންކޮށްދެއްވާފަ އެެވެ.

މިމައްސަލައަށް ތަދައްޚުލްވުމަށް ޕީޕީއެމް ޕީއެންސީ އިން ވެސް ވަނީ ހުށަހަޅާފަ އެވެ. އަދި އެ ފުރުސަތު އެ ދެ ޕާޓީއަށް ދިނުމަށްވެސް ސުޕްރީމް ކޯޓުން ވަނީ ނިންމާފަ އެވެ.

މައްސަލައިގެ ޝަރީއަތް މާދަމާ ފަށާއިރު ކޯޓުގައި މަޖިލިސް ތަމްސީލް ކުރާނީ މިމައްސަލައިގައި މަޖިލީހުގެ ބައެއް ނިންމުންތަކާ ދެކޮޅަށް ގާނޫނީ ލަފާ ދެެއްވާފައިވާ ބަންޑާރަނައިބް އިބްރާހީމް ރިފްއަތު އެވެ. އެގޮތުން ނަޝީދުގެ މައްސަލަ ހުށަހެޅިފައި އޮއްވާ އެ މައްސަލައާއި މެދު ގޮތެއް ނުނިމެނީސް މަޖިލީހުގައި އެހެން މަސައްކަތެއް ނުކުރެވޭނެ ކަމަށް ބަންޑާރަނައިބް ލަފާ ދެއްވާފައިވެ އެވެ. އެގޮތަށް އެމަނިކުފާނު ލަފާ ދެއްވުމާ ގުޅިގެން ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ހުށަހެޅުއްވުމަށް މިދިޔަ މަހުގެ 31 ވަނަ ދުވަހު ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މަޖިލީހަށް ހާޒިރެއް ނުވެ އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ސުޕްރީމް ކޯޓަށް މިދިޔަ މަހުގެ 29 ވަނަ ދުވަހު ހުށަހެޅި މައްސަލަ ކޯޓުން ނުނިންމަނީސް އަދި ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުން ނުނިންމަނީސް މަޖިލީހުގެ އެއްވެސް މަސައްކަތެއް ދެން ކުރިއަށް ނުގެންދެވޭނެ ކަމަށް އެމްޑީީޕީގެ ޕާލިމެންޓްރީ ގުރޫޕުން ގެންދަނީ ބުނަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރުމަށް އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާ އެކު ދެވަނަ ފަހަރަށް ހުށަހެޅީ މިމަހުގެ ނުވަވަނަ ދުވަހު އެެވެ. މިމައްސަލައިގެ ނޯޓިސް ނަޝީދާއި މެންބަރުންނަށް ފޮނުއްވީ މިމަހުގެ 12 ވަނަ ދުވަހު އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް އެންމެ ފުރަތަމަ އެޖެންޑާ ކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހުން ފެށިގެންނެވެ. އެ ދުވަހުން ފެށިގެން މިދިޔަ މަހުގެ 31 ފިޔަވާ ކޮންމެ ދުވަހަކުވެސް ނަޝީދުގެ މައްސަލަ ކުރިއަށް ގެންދަން އެޖެންޑާ ކުރެ އެވެ. ނަމަވެސް އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ސަލާމް ވިދާޅުވާތީ އެއްވެސް ޖަލްސާއެއް ކުރިއަކަށް ނުގެންދެވެ އެވެ.

އީވާ މިހާރު ވަނީ ސުޕްރީމް ކޯޓުގައި އޮތް މައްސަލައިގައި ގޮތެއް ނުނިމެނީސް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވާ ކަމަށް މަޖިލީހުގެ އިދާރާ އަށް އަންގާފައިވެ އެވެ. ނަމަވެސް މަޖިލީހުގެ އިދާރާ އިން ވަނީ ކޯޓުގައި މައްސަލަ އޮތަސް މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް އީވާ އަށް އަންގާފަ އެވެ.

މްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ބ، ގައިވާ ގޮތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓެވުމަށް މަޖިލީހުގެ ނައިބު ރައީސް ހާޒިރުވެވަޑައިނުގެންނެވޭ ހާލަތުގައި މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއަށް އަމަލުކުރުން މަޖިލީހުގެ އިދާރާއަށް ލާޒިމުވާނެ ކަމަށް ކަނޑައަޅައިދިނުމަށް އެދިފައެވެ.

މީގެ އިތުރުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހެޅިފައިވާނަމަ އެވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމަންވާނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ކަމަށް މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ރ. ގައި ބަޔާންކޮށްފައިވާތީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް މިހާރު ހުށަހަޅާފައިވާ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ނޫނީ މަޖިލީހުގެ އެހެން އެއްވެސް ޖަލްސާއެއް ކަނޑައަޅައިދިނުމަށްވެސް އެމްޑީޕީން ވަނީ އެދިފަ އެވެ.