ފިނިޕޭޖް

އޭއައި އަކީ ބިރުވެރި ހުވަފެނެއް: ނިކޮލަސް ކޭޖް:

އެކަޑަމީ އެވޯޑް ލިބިފައިވާ އެކްޓާ ނިކޮލަސް ކޭޖް، 59، ވެސް އާޓިފިޝަލް އިންޓެލިޖަންސް (އޭއައި) އަށް ފާޑުކިޔައިފި އެވެ.

ޔާހޫ އެންޓަޓެއިންމަންޓަށް ދިން އިންޓަވިއުއެއްގައި ނިކޮލަސް ބުނީ ޑީސީގެ "ދަ ފްލޭޝް"ގައި އޭނާ ސުޕަމޭންގެ ގޮތުގައި ކުޅުނު ކެމިއޯ، ފިލްމުން ފެންނަ މަންޒަރާ މުޅިން ތަފާތު ކަމަށެވެ.

ނިކޮލަސްގެ ކެމިއޯގައި ފެންނަނީ އޭއައި ބޭނުންކޮށްގެން އޭނާ ޒުވާންކޮށްފައިވާ މަސްޓިވާސްގެ ސުޕަމޭން އެކެވެ.

ނިކޮލަސް ސުޕަމޭންގެ ގޮތުގައި ފެންނަން އޮތީ ޓިމް ބާޓަންގެ ފިލްމަކުންނެވެ. އެ ފިލްމް ފަހުން ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އޭގެ ފަހުން ސުޕަމޭންގެ ގޮތުގައި ފެނުނީ ބްރެންޑަން ރޫތް އާއި ހެންރީ ކެވިލް އެވެ.

"ދަ ފްލޭޝް"ގެ ސީން ޝޫޓްކުރިއިރު ނިކޮލަސް ބުނީ އޭނާއަށް ޖެހުނީ ދުނިޔެ ސުއްނާފަތިވާ ތަން ބަލަން ހުއްޓިގެން ހުންނަން ކަމުގައެވެ. އެހެން ނަމަވެސް ފިލްމްގައި ފެންނަނީ ނިކޮލަސްގެ ކެރެކްޓާ ބޮޑު އޭލިއަން ފައިދިގު މަކުނަކާ ހަނގުރާމަ ކުރަނިކޮށް ކަމަށެވެ.

"އެއީ އަހަރެންނެއް ނޫން. އަހަރެންނެއް އެ ސީން ނުކުޅެން. އަހަރެންނަކަށް ހިޔެއް ނުވޭ އެއީ މުޅިން އޭއައި ހެންނެއް، ސީޖިއައި ވެސް ބޭނުންކޮށްފައި އެހެރީ. އަހަރެންނަށް އެނގޭ ޓިމް ބާޓަން ވެސް އޭއައިއާ މެދު ހިތްހަމަ ނުޖެހޭކަން. އަހަރެންނަކަށް ނޭނގޭ (ފިލްމް)ގައި ވެފައި އެހެރަ ގޮތެއް،" ނިކޮލަސް ބުންޏެވެ.

ނިކޮލަސް މިހެން ބުނި ނަމަވެސް "ދަ ފްލޭޝް"ގެ ކޮސްޓިއުމް ޑިޕާޓްމަންޓަށާއި ފިލްމުގެ ޑައިރެކްޓާ އެންޑީ މުޝޭޓީއަށް ނިކޮލަސް ތައުރީފްކޮށްފައިވެ އެވެ. މި ފިލްމްގައި ނިކޮލަސްގެ އިތުރުން ގިނަ އަދަދެއްގެ ކެމިއޯތައް ފެނިފައިވެ އެވެ.

ނިކޮލަސް ބުނީ ޓިމްގެ ހިޔާލުތަކާ އޭނާ އެއްބަސްވާ ކަމަށާއި އޭއައި އަކީ އިންސާނީ ކުލައެއް ނެތް ބޮޑު ބިރުވެރި ހުވަފެނެއް ކަމަށެވެ. އެހެން ނަމަވެސް ސުޕަމޭންގެ ގޮތުގައި ހިނދުކޮޅަކަށް ނަމަވެސް ފެނުމުގެ ހުވަފެން ހަގީގަތަކަށްވުމުން އުފާކުރާ ކަމަށް ނިކޮލަސް ބުންޏެވެ.