ހަބަރު

ޓެކްސްއަށް މަކަރު ހަދާތީ ކުޅުދުއްފުށީގެ ހަތަރު ވިޔަފާރިއެއް ބަލައި ފާސްކޮށްފި

ޓެކްސްއަށް މަކަރު ހަދާކަމަށް ޝައްކު ކުރެވޭތީ، ހދ. ކުޅުދުއްފުށީގެ ހަތަރު ތަނެއް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބަލައި ފާސްކޮށްފި އެވެ.

މީރާ އިން ބުނީ ޖައުފަރު އަލީ ނަމަކަށް ކިޔާމީހެއް ޓެކުހަށް މަކަރު ހަދާކަމަށް އަމިއްލަ ފަރާތަކުން މީރާއަށް ދިން މައުލޫމާތަކާ ގުޅިގެން ހދ. ކުޅުދުއްފުށީގައި ހަތަރު ވިޔަފާރި ކުރާތަނެއް މިއަދު ހެންދުނުގެ ވަގުތެއްގައި ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން އެރަށު "އޮއިވާލި" ފިހާރަ އާއި، "ސުފުރާ މަތި" ކެފޭ އާއި، އޮއިވާލި ކޮންސްޓްރަކްޝަން ކާޕެންޓްރީގެ އޮފީސް އަދި ޖޭއޭ ރެންޓަލްސް އަށް މީރާގެ ޓީމުން ވަދެ ބަލައި ފާސް ކުރި ކަމަށް މީރާ އިން މައުލޫމާތު ދެއްވަ އެވެ.

މީރާ އިން ބުނީ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގައިވާ ގޮތުން، ޓެކްސްއާ ގުޅިގެން ބޮޑު އޮޅުވާލުމެއް އެކުލެވޭ ކުށެއް އެއްވެސް ފަރާތަކުން ކުރަމުންދާކަމަށް ނުވަތަ ކޮށްފާނެކަމަށް ޝައްކު ކުރެވޭނަމަ ނުވަތަ އެފަދަ ކުށެއް ކުރަމުންދާކަމުގެ ހެކި ހުރިނަމަ، އެ ކުށް ކުރަމުންދާ ތަނަކަށް ވަނުމުގެ އަމުރެއް ނެރެދިނުމަށް އެދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް ނުވަތަ އެ ވަގުތު ރައީސްގެ މަސްއޫލިއްޔަތު އަދާކުރަމުންދާ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރެއްގެ ކިބައިން މީރާއަށް އެދެވިދާނެ ކަމަށެވެ.

މިއީ މިއަހަރު ތެރޭގައި މީރާއިން ކުރިއަށް މިފަދަ ގޮތަކަށް ބަލާއިފާސް ކުރި ދެވަނަ ފަހަރެވެ. މި މަހުގެ ކުރީކޮޅު ވެސް މީރާއިން ވަނީ ޏ. ފުވައްމުލަކުގެ ވިޔަފާރިއެއް ވެސް ބަލައި ފާސްކޮށްފައެވެ. އަދި ޓެކުހަށް މަކަރު ހެދުމުގެ ތުހުމަތުގައި ޖިނާއީ ދައުވާ ކުރުމަށް މީރާއިން މިހާތަނަށް 8 ފަރާތެއްގެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައިވާ ކަމަށް މީރާއިން ބުންޏެވެ.