އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި މަންދޫބަކު ބައިވެރިކުރުމަށް ރާއްޖެއާއި އެކު ހާރިޖީ ގުޅުން ގާއިމުކޮށްފައިވާ ގިނަ ގައުމުތަކަށާއި އަވަށްޓެރި ހުރިހާ ގައުމަކަށް ދައުވަތު ފޮނުވައިފި އެވެ.
އިންތިހާބީ ރައީސްގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ ގައުމުތަކުގެ އިތުރުން ވަރަށް ގިނަ ބައިނަލްއަގްވާމީ ޖަމިއްޔާތަކަށް ވެސް ދައުވަތު ފޮނުވާފައިވާނެ ކަމަށެވެ.
ފިރުޒުލް ވިދާޅުވީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ރާއްޖެ ވަޑައިގަންނަވާނެ ބޭފުޅުން ކަނޑައަޅާނީ އެ ގައުމަކާއި އެ ޖަމިއްޔާ އަކުން ކަމަށެވެ. އެހެންވެ ވަކި ބޭފުޅަކަށް ދައުވަތު ދީގެން ވަކި ބޭފުޅަކު ރާއްޖެ ގެނައުމަށް ހާއްސަ ސަމާލުކަމެއް ނުދެއްވާ ކަމަށްވެސް ވިދާޅުވި އެވެ.
"ރަސްމިއްޔާތުގެ ދައުވަތުތަކާ ގުޅޭގޮތުން ކުރިންވެސް އެކި ފަހަރުމަތިން ފާހަގަކޮށްފައިވާނެހެން އަވަށްޓެރި ހުރިހާ ގައުމުތަކަށާއި ދިވެހިރާއްޖެއާ ގާތް ގުޅުން އޮންނަ ވަރަށް ގިނަ ގައުމުތަކަކަށް ރަސްމިއްޔާތަށް ދައުވަތު އަރުވާފައިވާނެ،" ފިރުޒުލް ވިދާޅުވި އެވެ.
އިންތިހާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތާ ގުޅޭ ހުރިހާ އިންތިޒާމުތަކެއް ކުރިއަށް ގެންދިއުމަށް 22 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވަނީ ސިފައިންގެ ސިފްކޯ އަށެވެ.
މިރަސްމިއްޔާތު އޮންނާނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މިމަހުގެ 17 ވާ ހުކުރު ދުވަހު ހަވީރު ޖުމްހޫރީ މައިދާނުގައެވެ.