ފާތުމަތު ފިލްޒާ

މައްސަލައިގެ ހައްލަކީ މަޖިލިސް ގަވައިދު އިސްލާހުކުރުން: ފިލްޒާ

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ޖަލްސާ ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ނައިބް ރައީސް ރިޔާސަތުގައި އިންނަވައިގެން ކަމަށާއި އެ ނޫން ބޭފުޅަކަށް އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ މަޖިލީހުގެ ގަވައިދު އިސްލާހުކޮށްގެން ކަމަށް މަޖިލީހުގެ އިދާރާ އިން ސުޕްރީމް ކޯޓުގައި ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުދާތީ އެކަމަށް ހައްލެއް ހޯދުމަށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ މަޖިލީހުގެ މެޖޯރިޓީ ޕާޓީ -- އެމްޑީޕީންނެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓެވުމަށް މަޖިލީހުގެ ނައިބު ރައީސް ހާޒިރުވެވަޑައިނުގެންނެވޭ ހާލަތުގައި މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއަށް އަމަލުކުރުން މަޖިލީހުގެ އިދާރާއަށް ލާޒިމުވާނެ ކަމަށް ކަނޑައަޅައިދިނުމަށް އެދިފަ އެވެ. މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގައި ވަނީ މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް ނެތް ހާލަތްތަކުގައި ދެން ރިޔާސަތު ބަލަހައްޓަވާނެ ބޭފުޅުން ކަނޑައަޅައިދީފަ އެވެ.

މިމައްސަލައިގައި މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާއާ ބައެެއް ސުވާލުތައް ކުރިމަތިކުރައްވާފަ އެވެ. އެގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާ ޖަލްސާއެއްގައި މަޖިލީހުގެ ނައިބް ރައީސްއަށް ރިޔާސަތު ނުބެލެހެއްޓޭ ކަމެއް ދިމާވާ ވަގުތު ދުނިޔޭގެ އެހެން ގައުމުތަކުގައި އަމަލުކުރާ ގޮތަކީ ކޮބައިތޯ ސުއޫދު ވަނީ އައްސަވާފަ އެވެ. ޖަވާބުގައި ފިލްޒާ ވިދާޅުވީ އެފަދަ ޖަލްސާއެއްގެ ރިޔާސަތު ވަކި ބޭފުޅަކު ބެލެހެއްޓުމަށް ހަމަޖެހިފައި ނުވާ ކަމަށެވެ.

ނަމަވެސް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރެއް ހުށަހަޅަންޖެހޭ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް ރިޔާސަތު ބަލަހައްޓަން ނުޖެހޭ ގޮތަށް ގާނޫނުއަސާސީގައި އޮވެފައި، އެފަދަ ޖަލްސާއެއްގައި މަޖިލީހުގެ ނައިބް ރައީސް ރިޔާސަތުގައި އިންނަވާ ގޮތަށް މަޖިލީހުގެ ގަވައިދުގައި ހިމަނާފައިވަނީ އެއީ މަޖިލީހެއްގެ ހަޔާތުގައި ކުރިމަތިވާނެ އެންމެ މުހިއްމު މައްސަލައަށް ވާތީ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އެހެންވީމާ އެ މައްސަލައަށް ދޭ މުހިއްމު ކަމާއި އެ މައްސަލައަށް ދޭ އަހަންމިއްޔަތުގެ ސަބަބުން ދެން އެ މައްސަލައާ ހަވާލުވާނީ މަޖިލީހުގައި ހުރި އެންމެ ކީ އޮފިސަރު،" ފިލްޒާ ވިދާޅުވި އެވެ.

ފިލްޒާ ވިދާޅުވީ ވަކި ހާއްސަ ޖަލްސާއެއްގައި ވަކި ބޭފުޅަކު ރިޔާސަތު ބަލަހައްޓަން ވާނެ ކަމަށް މަޖިލީހުގެ ގަވައިދުގައި ސާފުކޮށް އޮއްވާ މަޖިލީހުގެ ގަވައިދުގައިވާ އާންމު އިޖުރާއަތުގެ މާނައެއް މަޖިލީހުގެ އިދާރާއެއް މާނަކޮށް ނުދެވޭނެ ކަމަށެވެ. އެހިސާބުން ސުއުދޫ އަނެއްކާވެސް ފިލްޒާއާ ސުވާލެއް ކުރައްވާފަ އެެވެ. އެގޮތުން މަޖިލީހުގެ ނައިބް ރައީސް ގަސްދުގައި ޖަލްސާއަށް ހާޒިރުވެވަޑައިނުގެންފިނަމަ އެ ހާލަތުގައި މަޖިލިސް މަރުތަޅު އެޅިގެންދާ ދިއުމަށް އޮތް ހައްލަކީ ކޮބައިތޯ ސުއޫދު ވަނީ އައްސަވާފަ އެެވެ. ޖަވާބުގައި ފިލްޒާ ވިދާޅުވީ ދެން އޮތް ގޮތަކީ މަޖިލީހުގެ ގަވައިދު އިސްލާހުކުރުން ކަމަށެވެ.

ފިލްޒާ އިތުރަށް ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް އަދި ހުށަހެޅިފައި ނުވަނީސް އެ މައްސަލަ އޮތީ މަޖިލީހުގައި އަމަލުކުރާ އާންމު އުސޫލުންނަމަ މައްސަލަ ހުށަހެޅިފައި ކަމަށް ނުބުނެވޭނެ ކަމަށެވެ. އެހެންވެ މަޖިލިސް މިވަގުތު އޮތީ އާންމު އެހެން ޖަލްސާތައް ކުރިއަށް ނުގެންދެވޭނެ ހާލަތެއްގައި ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެހެންކަމުން މިވަގުތުވެސް މަޖިލީހުގެ ގަވައިދު އިސްލާހުކޮށްގެން ހައްލުތައް ހޯދޭނެ ކަމަށް ފިލްޒާ ވިދާޅުވި އެވެ.

މަޖިލިސް ތަމްސީލް ކުރެއްވުމަށް ކޯޓަށް ވަޑައިގެންނެވި ދައުލަތުގެ ބަންޑާރަނައިބް އޮފީހުގެ ކައުންސެލް ޖެނަރަލް ފާތިމަތު ހަލީމް ވަނީ މަޖިލީހުގެ އިދާރީ އަދި ގާނޫނީ ޓީމުގެ ވިސްނުމާ ދެކޮޅަށް ކޯޓުގައި ވާހަކަދައްކަވާފަ އެވެ. އެގޮތުން ދައުލަތުން އެދުނީ މަޖިލިސް ހުއްޓިގެންދާ ގޮތަށް ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވައިދު މާނާކުރާ ކުރުމަކީ ގޯސްކޮށް ކުރެވޭ ކަމެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.

ސުޕްރީމް ކޯޓުގައި މިމައްސަލަ ބައްލަވާ ފަނޑިޔާރުންގެ މަޖިލީހުގައި ތިއްބަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު މަހާޒް އެވެ.