ހަބަރު

ޖަލުތައް ހިނގަމުން ދަނީ ގާނޫނާއި އެއްގޮތަށްތޯ ބެލުމުގެ މަސައްކަތް ފަށައިފި

ޖަލުތަކާއި، މީހުން ބަންދުކޮށްފައި ބައިތިއްވާ އެހެނިހެން ސެންޓަރުތައް ހިންގަނީ "ޖަލުތަކާއި ޕެރޯލްގެ ގާނޫނު" ގެ ދަށުން ހެދިފައިވާ ގަވައިދުތަކާ އެއްގޮތައްތޯ ބެލުމުގެ މަސައްކަތް ފަށައިފި އެވެ.

މިއީ ކަރެކްޝަންގެ ދަށުން ހިންގާ ޖަލުތަކާއި، ޑިޓެންޝަން ސެންޓަރުތައް ހިގަމުންދަނީ ހެދިފައިވާ ގާނޫނާއި ގަވައިދުތަކާ އެއްގޮތައްތޯ ބެލުމުގެ ގޮތުން އެތިކްސް އެންޑް ޕްރޮފެޝަނަލް ސްޓޭންޑަޑް އިން ކުރިއަށް ގެންދާ މަސައްކަތެކެވެ.

އެތިކްސް އެންޑް ޕްރޮފެޝަނަލް ސްޓޭންޑަޑްގެ ޑައިރެކްޓާ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުހައްމަދު އާސިފް ވިދާޅުވީ މިމަސައްކަތުގެ ތެރެއިން ޖަލުތައް ހިގަމުންދަނީ ހެދިފައިވާ ގަވައިދުތަކާ އެއްގޮތައްތޯ ކަށަވަރުކުރެވިގެން ދާނެކަމަށެވެ. ގަވާއިދުތަކާ ފުށުއަރާ ކަންކަން ފާހަގަކޮށް އެކަންކަން ޖަލުތަކުގެ ޑައިރެކްޓަރުންގެ ސަމާލުކަމަށް ގެނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އާސިފް ވިދާޅުވީ މިކަންކަން ކޮމިޝަނަރު އޮފް ޕްރިޒަންސް އާއި ހިއްސާކުރެވޭނެ ކަމަށެވެ.

"މިފަދަ މަސައްކަތް ކުރުމުގެ އެންމެ މުހިންމު އެއްމަގުސަދަކީ ޖަލުތައް ހިންގުމުގެ ނިޒާމް ހަރުދަނާކޮށް، ޖަލުތައް ހިންގާ ނިޒާމަށް ފާރަވެރިވުން. އަދި މިމަސައްކަތުގެ ސަބަބުން ޖަލުތަށް ހިންގުމުގައި ހުރި ގޮންޖެހުތައް ދެނެގަނެވި މިކަންކަން ހައްލުކުރުމަށް ފަސޭހަވެގެން ދާނެ،" އާސިފް ވިދާޅުވި އެވެ.

އާސިފް އިތުރަށް ވިދާޅުވީ މިއަދު ފެށިގެން ދިޔަ މަސައްކަތް ކުރިއަށް އޮތް ދެމަސް ދުވަސްތެރޭ ނިންމާލެވޭނެ ކަމަށާއި، އަދި މި މަސައްކަތް ނިންމުމަށްފަހު އިސްލާހު ކުރަންޖެހޭ ކަންކަމަށް ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

އެތިކްސް އެންޑް ޕްރޮފެޝަނަލް ސްޓޭންޑަޑްއަކީ ކަރެކްޝަންލް ސާވިސްގެ އޮފިސަރުންގެ ސުލޫކީ މިންގަނޑު ހިއްފެހެއްޓުމުގެ އެންމެހާ މަސައްކަތްތަކާއި، ގާނޫނާއި ގަވައިދުތަކަށް އޮފިސަރުންނާއި މުވައްޒަފުން އަހުލުވެރިކޮށް، އޮފިސަރުންގެ މަސައްކަތުގެ ޕްރޮފެޝަނަލިޒަމް ދެމެހެއްޓުމުގެ އެންމެހާ މަސައްކަތްތައް ކުރުމާއި، ކަރެކްޝަންގެ މަސައްކަތްތަކުގެ ފެންވަރު ރަނގަޅު ކުރުން އަދި ތަރައްގީ ކުރުމަށް ބޭނުންވާ ހިޔާލުތައް ކޮމިޝަނަ އޮފް ޕްރިޒަންސްއަށް ހުށައެޅުމަށް އުފައްދަވާފައިވާ ސެކްޝަނެކެވެ.