މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދެއް ނޭނގޭ: ފިރުޒުލް

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ނޭނގޭ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ބުނެފި އެވެ.

އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަމާމެދު އެއްވެސް ޝައްކެއް ނެތް މިންވަރަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެގޮތުން ސަރުކާރުންވެސް އެކަން ކަށަވަރުކޮށްދީފައިވާ ކަމަށާއި އިންޑިއާ ސަފީރާއި އިންތިހާބީ ރައީސް ބައްދަލުކުރެއްވި ބައްދަލުކުރެއްވުމުގައިވެސް އެކަން ފާހަގަކުރެއްވި ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

"އެހެން ނަމަވެސް ޖުމްލަ ތިބި އަދަދަކާ ގުޅޭ ގޮތުން އަޅުގަނޑުމެންނަށް އެކަށީގެންވާ އެންމެ ފުރިހަމަ މައުލޫމާތެއް އަދި މިހާތަނަށް ލިބިފައި ނުވޭ،" ފިރުޒުލް ވިދާޅުވި އެވެ.

ފިރުޒުލް ވިދާޅުވީ އިންޑިއާއާއެކު ރާއްޖެއިން ވެފައިވާ އެއްބަސްވުންތަކުގެ މައުލޫމާތު ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން އެއްބާރުލުން ލިބުނީ ބައެއް މުއައްސަސާތަކުން ކަމަށާއި ބައެއް މުއައްސަސާތަކުން އެކަށީގެންވާ ފުރިހަމަ މައުލޫމާތު މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.

މިހާތަނަށް ލިބުނު މައުލޫމާތުތަކުން ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރައްވާ ފިރުޒުލް ވިދާޅުވީ އެކަންތައްތަކާ ގުޅޭ ގޮތުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

"މިވަގުތުގެ ހާލަތުގައި އަޅުގަނޑުމެން މިތިބީ އެ އެއްބަސްވުންތައް ހާމަކުރުމާ ގުޅޭ ގޮތުން ވަކި ގޮތެއް ނިންމޭ ހާލަތެއްގައެއް ނޫން. އެހެން ނަމަވެސް ފާހަގަވެފަ ހުރި ކަންތައްތަކާ ގުޅޭ ގޮތުން މަސައްކަތްތަކެއް މިހާރުވެސް ފެށިގެން ކުރިއަށް އެބަދޭ،" ފިރުޒުލް ވިދާޅުވި އެވެ.