ދުނިޔެ

"ޔަހޫދީންގެ ހަމަލާތަކުގައި މަރުވި އަދި ޒަހަމްވި މީހުންގެ އަދަދު 40،000 އަށް އަރާނެ"

ޔަހޫދީ ދައުލަތުން މިދިޔަ އޮކްޓޯބަރު ހަތްވަނަ ދުވަހުން ފެށިގެން ފަލަސްތީންގެ ޣައްޒާއާ ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި މަރުވި މީހުންނާއި ޒަހަމްވި މީހުންގެ އަދަދު 40،000 އަށް އަރާނެ ކަމަށް ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފި އެވެ.

މީޑިއާ އޮފީހުގެ ތަރުޖަމާން ސަލަމާ މައުރޫފް ވިދާޅުވީ ޔަހޫދީންގެ ސީދާ ހަމަލާތަކުގައި 10،328 މީހަކު މަރުވެފައި ވާއިރު މީގެތެރޭގައި 4،237 ކުދިންނާއި 2،719 އަންހެނުން އަދި އުމުރުން ދުވަސްވީ 631 މީހަކު މަރުވެފައިވާކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

ތަރުޖަމާން ވިދާޅުވީ 26،000 މީހުންނަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށާއި އަދި ވީއެއް ނުވީއެއް ނޭނގި 3،000 މީހަކު ގެއްލިފައިވާ ކަމަށެވެ.

ޔަހޫދީން ދެމުން ގެންދާ ހަމަލާތަކުގައި ހަމަނުޖެހުންތަކާ ގުޅުމެއް ނެތް އެތައް ބަޔަކު މަރުވެފައިވާ ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ. އަދި ޣައްޒާއިން 49 ނޫސްވެރިން މަރުވެފައިވާ ކަންވެސް ކަށަވަރުކޮށްދެއްވި އެވެ.

ތަރުޖަމާން ވިދާޅުވީ ސިއްހީ ދާއިރާއިން 192 މީހަކު މަރުވެފައިވާ ކަމަށާއި ޔަހޫދީންގެ ހަމަލާތަކުގައި 40 އެމްބިޔުލާންސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ސިއްހީ ދާއިރާގައި ކުރިން ބޭނުންކުރެވޭ 113 އިދާރާއަކާއި 18 ހޮސްޕިޓަލެއް އަދި 40 ހެލްތު ސެންޓަރެއް ވެސް މިހާރު ބޭނުންނުކުރެވޭ ވަރުވެފައިވާ ކަމަށެވެ.

ޔަހޫދީ ސަރުކާރުން ޣައްޒާގެ އާއިލާތަކުގެ ޝަރަފުވެރިކަން ނަގާލާފައިވާ ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ. އަދި ޣައްޒާގެ މުޅި އާބާދީ ވިއްސިވިހާލިވެފައިވާ ކަމަށާއި 1.5 މީހުންގެ ގެދޮރު ގެއްލި ބިކަވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ޣައްޒާއިން ހަމާސް ނައްތާލައި ޒަމާން ދުއްވާލުމުގެ ވިސްނުމުގައި ޔަހޫދީ ސިފައިން މިހާރު ވަނީ ޣައްޒާ ބޯޑަރު ހުރަސްކޮށް އެއްގަމު މަގުން ޣައްޒާއަށް އަރައިގެންފަ އެވެ.

ޔަހޫދީންގެ ވިސްނުމަކީ އުތުރު ޣައްޒާގައި ތިބިހާ ބަޔަކު ދެކުނަށް ފޮނުވައި ޣައްޒާގެ ކޮންޓްރޯލް ހޯދުމެވެ. އަދި މުޅި ސަރަހައްދު ޔަހޫދީ އަސްކަރިއްޔާގެ ބާރުގެ ދަށުގައި ބޭއްވުމެވެ.