އެމްޑީޕީގެ މެންބަރުންނަށް ބޭރު ގައުމަކަށް ނުދެވޭވަރު ކުރައްވާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ މެންބަރުންނަށް އިންޒާރު ދެއްވައިފި އެވެ.
އެމްޑީޕީގެ މެންބަރުން ދެކެ ނަޝީދު ހިތްހަމަޖެހިވަޑައިނުގަތީ ދުބާއީގައި މިހާރު ކުރިއަށްދާ ކޮންފަރެންސެއްގައި ރައީސް ނަޝީދު ބައިވެރި ނުކުރުން އެދިވަޑައިގެން އެމްޑީޕީގެ ބައެއް މެންބަރުން ކޮންފަރެންސް އިންތިޒާމު ކުރި ފަރާތްތަކަށް މެސެޖުކުރެއްވި ކަމަށް ވިދާޅުވެ އެވެ.
މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެމްޑީޕީގެ މެންބަރުން އެ ކުރައްވާ މަސައްކަތުގެ ސަބަބުން ފަލީހަތް ވާނީ އެމްޑީޕީގެ މެންބަރުން ކަމަށެވެ.
އެމްޑީޕީގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު މިއަދު، އައިޕީޔޫގެ ކޮމިޓީ އޮން ޑިމޮކްރަސީ އެންޑް ހިޔުމަން ރައިޓްސް ޗެއާ އަކަށް ހޮވުމާ ގުޅިގެން އެކަމަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެކަހަލަ މަގާމުތަކުން ވެސް އެމްޑީޕީގެ މެންބަރުން ވަކިކުރާނެ ކަމަށެވެ.
"ބޭރު ގައުމު ތަކަށް [އެމްޑީޕީގެ މެންބަރުންނަށް ނޭރޭ ވަރު ކުރާނަން،" އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމަށް އަމާޒުކުރައްވާ ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވަނީ އެމްޑީޕީއަށް ދެން ލިބެން އޮތް ގެއްލުން މާބޮޑު ވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
އެމްޑީޕީގެ މެންބަރުން ތުހުމަތުކުރައްވާ ރައީސް ނަޝީދު ދުބާއީ އަށް ވަޑައިގަތީ އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހާއި ސުޕްރީމް ކޯޓުގައި އޮތުމުން އެ މައްސަލައަށް ހުރަސް އެޅުމަށެވެ.