ފިނިޕޭޖް

ހޮލީވުޑް އެކްޓަރުންގެ އިހުތިޖާޖު ނިންމާލައިފި

މިއަހަރުގެ ޖުލައި 14 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިޔަ ހޮލީވުޑް އެކްޓަރުންނާއި ރޭޑިއޯ އާޓިސްޓުންގެ އިހުތިޖާޖު ނިމުމަކަށް އައިސްފި އެވެ.

އިހުތިޖާޖު ހުއްޓާލީ ރޭ މެންދަމު 12:00 ޖެހުމާ އެކު އެވެ. މިއީ ވަރަށް ހެޔޮ ހަބަރެކެވެ.

ސަތޭކަ އަށާރަ ދުވަހުގެ ތާރީހީ އިހުތިޖާޖު ނިމުމަކަށް ގެނައީ އެކްޓަރުންނާއި ރޭޑިއޯ އާޓިސްޓުންގެ ޔޫނިއަން، ސްކްރީން އެކްޓާސް ގިލްޑް އެންޑް އެމެރިކަން ފެޑެރޭޝަން އޮފް ރޭޑިއޯ އާޓިސްޓްސް (ސެގް – އަފްޓްރާ) އާއި ދި އެލާޔަންސް އޮފް މޯޝަން ޕިކްޗާ އެންޑް ޓެލެވިޝަން ޕްރޮޑިއުސާސް (އޭއެމްޕީޓީޕީ) އިން ތިން އަހަރު ދުވަހުގެ އެއްބަސްވުމަކަށް ދިއުމަށް އެއްބަސްވުމުންނެވެ.

މި އެއްބަސްވުމާ އެކު ހުއްޓިފައިވާ ފިލްމު އަދި ޓީވީ ސީރީޒް / ޕްރޮގްރާމްތަކުގެ މަސައްކަތް އަލުން ފެށޭނެ އެވެ.

ސެގް-އާފްޓްރާ އިން ބުނާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި މި އެއްބަސްވުން ރަސްމީކުރުމަށް ހުރިހާ މެންބަރުންގެ ވޯޓަކަށް އެހޭނެ އެވެ.

މިދިޔަ މޭ މަހު އިހުތިޖާޖް ކުރަން ފެށި ރައިޓާސް ގިލްޑް އޮފް އެމެރިކާ (ޑަބްލިއުޖީއޭ) އިން ވަނީ މިދިޔަ މަހު އޭއެމްޕީޓީޕީއާ އެކު އެއްބަސްވުމަކަށް އައިސްފަ އެވެ.

އޭއެމްޕީޓީޕީ އެކުލެވިގެންވަނީ ބޮޑު ސްޓޫޑިއޯ އަދި ސްޓްރީމިން ސާވިސްގެ މައްޗަށެވެ. އެއީ ޑިޒްނީ، ވޯނާ ބްރަދާސް- ޑިސްކަވަރީ، އެޕަލް، ޔުނިވާސަލް، ޕެރެމައުންޓް، ސޮނީ، ނެޓްފްލިކްސް، އޭބީސީ، އެންބީސީ، ފޮކްސް އަދި ސީބީއެސްއެވެ.