ހައިކޯޓް

އިންޑިއާ ސިފައިންގެ އަދަދު ނުދިނީ ގޯސްކޮށް ކަމަށް ހައިކޯޓުން ހުކުމްކޮށްފި

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ އަދަދު ހާމަނުކުރަން ޑިފެންސް މިނިސްޓްރީން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ ކަނޑައެޅުއްވީ ރަނގަޅަށް ކަމަށް ނުވާތީ އެ މައްސަލަ އަލުން ބަލައި ގޮތެއް ނިންމުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދާއި އެމީހުންނަށް ދައުލަތުން ކުރާ ހަރަދުގެ ތަފްސީލު ހޯދަން ޑިފެންސް މިނިސްޓްރީގައި އެދުނީ ދިޔަރެސް ނޫހުންނެވެ.

ނޫހުން އެދިފައި އޮތީ އިންޑިއާ އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ކަމަށް ބުނާ އުޅަނދުތައް އޮޕަރޭޓް ކުރުމަށް ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާ ސިފައިންގެ އަދަދު ހޯދުމަށާއި ދިވެހި ދައުލަތުން އެ ސިފައިންނަށް ކުރާ ހަރަދު ހޯދުމަށެވެ. ޑިފެންސް މިނިސްޓްރީން ނޫހަށް މިމައުލޫމާތު ނުދިނުމުން ދިޔަރެސް އިން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް މެދުވެރިކޮށް މައުލޫމާތު ހޯދަން ހުށަހެޅުމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ ހޯދަން އެދިފައިވަނީ ގައުމީ ސަލާމަތާ ގުޅޭ މައުލޫމާތު ކަމަށްވާތީ އެ މައުލޫމާތު ހިއްސާކުރަން ނުޖެހޭނެ ކަމަށް ނިންމާފަ އެވެ.

އިންފޮމޭޝަން ކޮމިޝަނަރު ދެއްކެވި ހުއްޖަތަކީ ބަލައިގަނެވޭނެ ހުއްޖަތެއް ނޫން ކަމަށް ބުނެ އެ ނިންމުން ދިޔަރެސް ނޫހުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރީ ނޮވެމްބަރު 24، 2020 ގައެވެ.

ހައިކޯޓުގައި މިމައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވާފައިވާ ހުކުމްގައި ބުނެފައިވަނީ ހޯދަން އެދުނީ ގައުމީ ސަލާމަތާ ގުޅޭ މައުލޫމާތުތަކެއް ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކަނޑައެޅީ އެ އޮފީހުން ކުރިއަށް ގެންދަންޖެހޭ ގާނޫނީ އިޖުރާއަތްތައް ކުރިއަށް ނުގެންގޮސް ހަމައެކަނި ޑިފެންސް މިނިސްޓްރީން ހިއްސާކުރި މައުލޫމާތަށް އެކަނި ބަލައިގެން ކަމަށެވެ.

އެހެންވެ ހައިކޯޓުން ވަނީ މިއަދުން ފެށިގެން 10 ދުވަހުގެ ތެރޭގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް މައްސަލަ ހުށަހަޅައިފިނަމަ އިޖުރާއަތްތައް ފުރިހަމަކޮށްގެން މައްސަލަ ކުރިއަށް ގެންދިއުމަށް އަމުރުކޮށްފަ އެެވެ.

ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާ ސިފައިން ބޭލުމަކީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.