ފިނިޕޭޖް

"ލެޖެންޑް އޮފް ޒެލްޑާ"ގެ ލައިވް އެކްޝަން ފިލްމު ހަދަނީ

ނިންޓެންޑޯ އިން "ލެޖެންޑް އޮފް ޒެލްޑާ" ގޭމް ފްރެންޗައިޒްއަށް ލައިވް އެކްޝަން ފިލްމެއް ހަދަނީ އެވެ.

އެ ކުންފުނިން މި ގޭމް ފުރަތަމަ ތައާރަފްކުރީ 1986 ގައެވެ. މި ގޭމަށް 1989 ގައި 13 އެޕިސޯޑްގެ ކާޓޫން ސީރީޒެއްވެސް ހަދާފައިވެ އެވެ.

ނިންޓެންޑޯ އިން މި ފިލްމު ހަދަނީ އަވީ އަރާޑްގެ އަރާޑް ޕްރޮޑަކްޝަންސް މެދުވެރިކޮށެވެ.

މި ފިލްމް ޑައިރެކްޓްކުރާނީ "މޭޒް ރަނާ" ޓްރިލޮޖީ އާއި ކުރިއަށް ރިލީޒްކުރުމަށް ހަމަޖެހިފައިވާ "ކިންގްޑަމް އޮފް ދަ ޕްލެނެޓް އޮފް އޭޕްސް"ގެ ޑައިރެކްޓަރު ބޯލް އެވެ. މި ފިލްމް ކޯ-ފައިނޭންސް ކުރާނީ ނިންޓެންޑޯއިންނާއި ސޮނީ ޕިކްޗާސް އެންޓަޓޭންމަންޓްގެ ފަރާތުންނެވެ.

ނިންޓެންޑޯގެ މި ގޭމުގެ އެއް ޑިޒައިނާ އަދި ލައިވް އެކްޝަން ފިލްމުގެ ޕްރޮޑިއުސަރު ޝިގޭރޯ މިޔަމޯޓޯ ބުނީ މި ފިލްމު ޕްރޮޖެކްޓްގެ މަސައްކަތް އަވީ އަރާދްއާ އެކު ކުރާތާ އަހަރުތަކެއް ވެއްޖެ ކަމަށާއި މިހާރު ފިލްމުގެ މަސައްކަތް ރަސްމީކޮށް ފެށި ނަމަވެސް މިކަން ފުރިހަމަކުރަން ދުވަސް ނަގާނެ ކަމަށެވެ. މި ފިލްމު ނިމުމުން، ބެލުންތެރިން އެއަށް ޝައުގުވެރިވާނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް ޝިގޭރޯ ބުންޏެވެ. ޝިގޭރޯ މި ގޭމް ޑިޒައިންކުރީ ޓަކާޝީ ޓެޒޫކާއާ އެކުގައެވެ.

"ލެޖެންޑް އޮފް ޒެލްޑާ"ގައި ޕްރިންސަސް ޒެލްޑާ އާއި އެލްފް-ވޮރިއާ ލިންކްއާ އެކު ގެނަން ބަލިކޮށް، އެމީހުންގެ ރަސްކަން ސަލާމަތްކުރުމަށް މަސައްކަތް ކުރެ އެވެ. މި ފިލްމުގެ ކާސްޓް އަދި އިއުލާންކޮށްފައެއް ނުވެއެވެ.

މި ފިލްމް ވެގެންދާނީ "ލެޖެންޑް އޮފް ޒެލްޑާ" ފްރެންޗައިޒްގެ ފުރަތަމަ ފިލްމަށެވެ. މީގެ ކުރިން ނިންޓެންޑޯ ގޭމަކަށް ހަދާފައިވަނީ "ސުޕަ މާރިއޯ"ގެ ދެ ފިލްމެވެ. މިއަހަރު ރިލީޒްކުރި "ދަ ސުޕާ މާރިއޯ ބްރަދާސް މޫވީ" އަކީ ބޮކްސް އޮފީހުގައި މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ފައިސާ ލިބުނު ފިލްމެވެ.