ހަބަރު

އެމްޑީޕީ މެމްބަރަކު ހުށަހެޅި ބިލެއް ސަރުކާރުގެ ތާއީދާއި އެކު ބަލައިގެންފި

އިދިކޮޅު ޕާޓީ އެމްޑީޕީ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަނެ ދިރާސާ ކުރުމަށް އިޖްތިމާއީ ކޮމިޓީއަށް ފޮނުވައިފި އެވެ.

ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލް ހުށަހެޅި މި ބިލަށް ޕީޕީއެމްގެ ގިނަ މެމްބަރުންގެ ތާއީދު ވެސް ވަނީ ލިބިފަ އެވެ. އެގޮތުން 40 މެމްބަރުން ބިލު ބަލައިގަންނަން ވޯޓު ދެއްވާފައިވާ އިރު އެއް މެމްބަރަކު މި ބިލު ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވި އެވެ. ބިލް ބަލައިގަންނަން ފާސްވުމާ އެކު ރިޔާސަތުން ވަނީ އެ ބިލް ދިރާސާކުރަން އިޖްތިމާއީ ކޮމިޓީއަށް ފޮނުވާފަ އެވެ.

މި ބިލު ހުށަހަޅުއްވަމުން ފައްޔާޒް ވިދާޅުވީ އަތޮޅުތަކު ތެރޭގައި ވަޒީފާ އަދާކުރާ މީހުންނާ ގުޅޭ މައްސަލަ އެއް ޓްރައިބިއުނަލް އަށް ހުށަހަޅަން ބޭނުން ވެއްޖެ ނަމަ ދާންޖެހޭނީ މާލެއަށް ކަމަށާއި އެހެން ކަމުން ގިނަ ދަތި އުނދަގޫތަކާ ކުރި މަތިލާން ޖެހިފައިވާ ކަމަށެވެ.

"އެގޮތުން ގާނޫނަށް އިސްލާހު ގެނެސް ކޯޓުތައް ހުރި ރައްރަށަށް ކޯޓުތަކަށް މައްސަލަ ހުށަހަޅައިގެން ބަލައިގަނެވިގެން، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ނުވަތަ އެނޫން ގޮތަކުންވެސް ޓްރަިބިއުނަލް އަށް އެމައްސަލަ ރަށެއްގައި ތިބެގެން ބެލޭނެ ގޮތެއް ހެދުމަށް މަސައްކަތް ކުރަން ޖެހޭ،" ފައްޔާޒް ވިދާޅުވި އެވެ.

މިބިލަށް ތާއީދު ކުރެއްވި މަރަދޫ ދާއިރާ އިބްރާހިމް ޝަރީފް ވިދާޅުވީ ވަޒީފާއާ ބެހޭ ގާނޫނަށް މިނޫނަސް ގިނަ އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށެެވެ. ޒަމާނީ ވަސީލަތްތަކާއި ވީޑިއޯ ކޮންފަރަންސްގެ ޒަރީޔަށް ހުންނަ އިރު މާލެ ނައިސް ވެސް އެކަން ކުރެވޭނެ ކަމަށް ގަބޫލު ކުރާ ކަމަށް ޝަރީފު ވިދާޅުވި އެވެ.

މީގެ އިތުރުން ސަރުކާރުގެ ފަރާތުން ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވީ ގޮތުގައި ޕާޓީތަކުގެ މެމްބަރުންގެ އަމިއްލަ އެދުން ތަކުގެ ބަދަލުގައި ރައްޔިތުންނަށް ފައިދާ ކުރަނިވި މަސައްކަތެއް ކުރުމަށް އެމްޑީޕީ ފަރާތުން މިފަދަ ބިލެއް ހުށަހެޅުމަކީ ވަރަށް ތާއީދު ކުރާ ކަމަށެވެ. އަދި ވިދާޅުވީ ވަޒީފާއާ ބެހޭ ގާނޫނުގައި މިނޫނަސް ގިނަ ކަން ކަން އިސްލާހު ގެންނަން ޖެހިފައިވާ ކަމަށެވެ.