ހަބަރު

މަޝްވަރާތަކަށް އެމްޑީޕީ އިން މިތިބީ ތައްޔާރަށް: އިބޫ

  • ނަތީޖާ ނެރެން ދެ ފަރާތުން ވެސް އިހުލާސްތެރިވާން ޖެހޭ
  • މައިނޯރިޓީ ޕާޓީގެ އަޑުތައް ނާހާ ނަމަ ކާމިޔާބެއް ނެތް
  • ސަރުކާރުން އިހުލާސްތެރިކަން ނުފެންނަ ކަމެއް ވިދާޅުވި

މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ސަރުކާރާއި އެކު މަޝްވަރާ ކުރަން ތައްޔާރު ކަމަށާއި ނަމަވެސް މަޝްވަރާތަކުގައި ދެފަރާތުން އިހްލާސްތެރިވާން ޖެހޭނެ ކަމަށް އެމްޑީޕީ ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

ސަރުކާރުން އިސްނަގައިގެން އިދިކޮޅު ޕާޓީތަކާއި އެކު މަޝްވަރާ ކުރުމަށް ނިންމާފައިވާ އިރު އެމްޑީޕީ އިން ކުރިން ބުނެފައިވަނީ ސަރުކާރުން މަޝްވަރާ ކުރާން ޖެހޭނީ ޕާޓީތަކުގެ ލީޑަރުންނާއި އެކުގައި ކަމަށާއި އެހެން ކަމުން މަޝްވަރާތައް ފެށުމަށް ޕާޓީތަކުގެ ލީޑަރުން ދޫކޮށްލަން ޖެހޭނެ ކަމަށެވެ.

ނަމަވެސް މިއަދު މަޖިލީހުގެ ތަޅުމުގައި ބަހުސް ވާހަކަ ދައްކަވަމުން ހިންވަރު ދާއިރާ ވެސް ތަމްސީލް ކުރައްވާ، އިބޫ ވިދާޅުވީ އެމްޑީޕީ އަކީ މަޝްވަރާކޮށްގެން ކަންކަން ހައްލު ކުރުމަށް ތާއީދު ކުރާ ބައެއް ކަމަށާއި އަދި މިހާތަނަށް ވެސް މަސައްކަތް ކުރަމުން އައީ އެފަދަ ގޮތަކަށް ކަމަށެވެ. އެހެން ނަމަވެސް ޕާޓީތަކާ އެކު މީގެ ކުރިން ކުރި މަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން އެއުސޫލު ފެނިފައި ނެތްކަން ފާހަގަ ކުރެވޭ ކަމަަށް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ މައިނޯރިޓީ ޕާޓީގެ ގޮތުގައި، އެމްޑީޕީ އިން އޮންނާތީވެ ސަރުކާރުން އެޕާޓީގެ އަޑު ނާހާކަމަށް ވަނީނަމަ މަޝްވަރާކޮށްގެން އެއްވެސް ކަމެއް ހައްލު ނުވާނެ ކަމަށެވެ. އަދި ޑިމޮކްރަސީއެއްގައި މެޖޯރިޓީއާއި މައިނޯރިޓީގެ އަޑު އަހަން ޖެހެކަން ގަބޫލު ކުރަން ޖެހޭ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

"ހަރުކަށިކަމާއި ގަދަ ބާރު ކަމުން ކަމެއް ހައްލެއް ނުވާނެ. އޭގެން ލިބޭނީ އަމިއްލަ ނަފްސަށާއި ގައުމަށް ގެއްލުން. އެހެންވެ އަޅުގަނޑުމެން އެކަމަށް ވަރަށް ބޮޑަށް މަރުހަބާ ކިޔަން. އަޅުގަނޑުމެން މިތިބީ މަޝްވަރާގެ މޭޒުތަކަށް ދާން ތައްޔާރަށް. އެހެން ނަމަވެސް އިހްލާސްތެރިކަމާއި ތެދުވެރިކަން ހުރިހާ ފަރާތަކުވެސް ދައްކަން ޖެހޭނެ،" އިބޫ ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކާއި އެކު މަޝްވަރާތައް ފެށުމަށް ސަރުކާރުން ނިންމާފައިވާ އިރު އެ މަޝްވަރާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އދ އިން ވެސް ވަނީ ރާއްޖެއަށް ހުށަހަޅާފަ އެވެ. އަދި އެޖަމިއްޔާއިން ވަނީ ސަރުކާރުން އިސްނަގައިގެން މަޝްވަރާތައް ފަށަން ގޮވާލުމުން އެކަމަށް މަރުހަބާ ކިޔާފަ އެވެ.

އިބޫ ވިދާޅުވީ މަޖިލީހުގެ ތެރެއިން މަޝްވަރާކޮށްގެން ކަންކަމަށް ހައްލު ހޯދަން ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ގޮވާލެއްވި ގޮވާލެއްވުމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. އަދި އެކަމަށް ތައްޔާރަށް ހުންނެވި ކަމަށް އިބޫ ވިދާޅުވި އެވެ.