ދުނިޔެ

ޣައްޒާގައި މަރުވި މީހުން މާ ގިނަވެއްޖެ: ބްލިންކެން

ޔަހޫދީ ދައުލަތުން ސްޕޮންސާކޮށްގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ އަސްކަރިއްޔާއިން ދެމުން ގެންދާ ލާއިންސާނީ ހަމަލާތަކުގައި، އެ ވަރުގެ ހަނގުރާމައަކުން މަރުވެގެން ނުވާނެ ވަރަށް މީހުން މަރުވެއްޖެ ކަމަށް ގަބޫލުކުރައްވާ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން ވިދާޅުވެއްޖެ އެވެ.

ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި އާންމުންނަށް އަނިޔާ ނުވާނެ ގޮތް ބަލައި ސަމާލުވުމަށް ވެސް ބްލިންކެން ވަނީ ޔަހޫދީ ސިފައިންނަށް ގޮވާލައްވާފަ އެވެ.

ބްލިންކެން މިހެން ވިދާޅުވި އިރު އޭނާ އަކީ އެމެރިކާގެ ޚާރިޖީ ވަޒީރެވެ. ޚާރިޖީ ވަޒީރަށް އެނގިވަޑައި ނުގަންނަވާ ގޮތެއްގައި، އެއްވެސް ގައުމަކުން ބޭރު އެހެން ގައުމަކާ މުއާމަލާތެއް ނުކުރާނެ އެވެ.

ހަތަރެސް ފަރާތުން ބައްދާފައި އޮތް ހަނި ރޮއްޖެ ވަރުގެ ޣައްޒާ ސިޓީއަށް ޔަހޫދީ ހަނގުރާމަމަތީ ޖެޓުތަކުން ރެއާއި ދުވާލު ހަމަލާތައް ދެމުންދާއިރު، މަދުވެ ހުސްވާ ކޮންމެ ހަތިޔާރަކަށް ހަތިޔާރެއް، ކޮންމެ އުންޑައަކަށް އުންޑައެއް ޔަހޫދީންނަށް ފޯރުކޮށްދެނީ އެމެރިކާއިންނެވެ.

އެމެރިކާގައި އުފައްދާ އެންމެ ޒަމާނީ ހަތިޔާރު -- ފަލަސްތީނުގެ އާރެއް ބާރެއް ނެތް ނިކަމެތި ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ދައުލަތަށް ފޯރުކޮށްދެނީ ބްލިންކެން ސޮއިކުރެއްވުމުންނެވެ.

އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރުތަކާއި ނިއުކްލިއާ ސަބްމެރީންތައް ވެސް މިހާރު ތިބީ މެދުއިރުމަތީގަ އެވެ. އެއީ ބުނެވޭ ގޮތުގައި ޔަހޫދީންނަށް އަތްގައިކޮށްދިނުމަށް ގޮސް ތިބި އުޅަނދުތަކެކެވެ.

ޔަހޫދީންނަށް ހުރިހާ ބާރުވެރިކަމެއް، އިތުބާރެއް އަދި ހިމާޔަތެއް ދެނީ އެމެރިކާ އާއި އިނގިރޭސިވިލާތުންނެވެ. އެ ނޫން ގޮތެއްގައި އަރަބިންގެ ގަދަރު ކުޑަކޮށް ފަލަސްތީންގެ ބިންތައް ޖަހައިގަނެގެން ތިބި ބަޔަކަށް ފަލަސްތީން މީހުންގެ މޫނަށް ކުޅުޖަހާކަށް ނުކެރޭނެ އެވެ.

ފަލަސްތީންގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ކިތަންމެ ޖަރީމާއެއް ހިންގި ނަމަވެސް ބްލިންކެން ފަދަ ސިޔާސީ ލީޑަރުނަށް ހަމަވިސްނޭ ގޮތެއް ނޯވެ އެވެ.

ޣައްޒާގައި މާ ގިނައިން މީހުން މަރުވެއްޖެ ކަމަށް ވިދާޅުވެ ބްލިންކެންއަށް އެއްޗެއް ވިދާޅުވާން މަޖުބޫރުވެ ވަޑައިގަތީ ވެސް އަރަބިންގެ ފިއްތުންތަކާ ނުރުހުމާ ހެދި އެވެ.

އެމެރިކާ އަކީ ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވި ކަހަލަ ބައެކެވެ. އޭނާ ވިދާޅުވީ އެމެރިކާ އަކީ ރައްޓެހިން ބޭނުންވާ ގައުމެއް ނޫން ކަމަށެވެ. ރައްޓެހިން ނުވެސް ތިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މީހުން ކުރަން ބޭނުން ކަމެއް ފުދުމުން -- އެކަން ފުދުނީ ކޮން ގޮތަކަށްތޯ ވެސް ބަލައިނުލާނެ ކަމަށް ޕޫޓިން ވިދާޅުވި އެވެ.

އެމެރިކާގެ މަސްލަހަތަކީ ހަމައެކަނި އެ މީހުންގެ މަސްލަހަތު ކަމަށް ވެސް ރަޝިއާގެ ރައީސް ވިދާޅުވި އެވެ.