ޑރ. މުހައްމަދު މުއިއްޒު

ގައުމު ކުރިއަރުވަން އެންމެން އެކަތިގަނޑަކަށްވާން ޖެހޭ: މުއިއްޒު

ގައުމު ކުރިއެރުވުމަށް އެންމެން އެކަތިގަނޑަކަށްވާން ޖެހޭ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ މެސެޖެއްގައި އިންތިހާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވީ ޖުމްހޫރީ ވެރިކަމުގެ ފޮނިމީރުކަން ރައްޔިތުންނަށް ލިބޭނީ ރައްޔިތުންނާއި ސަރުކާރު ގުޅިގެން ގައުމު އިސްކޮށް މަސައްކަތްތަކެއް ކުރެވިގެން ކަމަށެވެ.

"ޖުމްހޫރީ ވެރިކަމުގެ ފޮނިމީރުކަން ރައްޔިތުންނަށް ލިބިގެންދާނީ ރައްޔިތުންނާއި ސަރުކާރާއި ގުޅިގެން ގައުމު އިސްކޮށްގެން މަސައްކަތްތަކެއް ކުރެވިގެން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒުގެ މެސެޖުގައި ވަނީ ޖުމްހޫރީ ނިޒާމު މިއަދާ ހަމައަށް ގެނެސްދިނުމުގައި މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

އެގޮތުން ޖުމްހޫރީ ނިޒާމު މިއަދާ ހަމައަށް ގެނެސްދިނުމުގައި މަސައްކަތް ކުރެއްވި ހުރިހާ ރައީސުންނާއި ކެބިނެޓްތަކުގައި މަސައްކަތް ކުރެއްވި ބޭފުޅުންނާއި ވިޔަފާރިވެރިންނާއި ސިޔާސީ ޕާޓީތަކުގެ ވެރިންނަށް ޝުކުރު އަދާކުރެއްވި އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މުއިއްޒު ދެއްވި ހާއްސަ މެސެޖުގައި ވަނީ ގައުމަށް ހަމަޖެހުން ގެނެސް ގައުމު ކުރިއަރުވަން އެންމެން އެކަތިގަނޑަކަށްވުމަށް އިލްތިމާސްކުރައްވާފަ އެވެ.

"އަޅުގަނޑުމެންގެ ގައުމަށް ހަމަޖެހުން ބޭނުންވޭ. ގައުމު ކުރިއަރުވަން އެންމެން އެކަތިގަނޑަކަށްވާން އެބަޖެހޭ. އެހެންވީމަ މިގޮތުގައި ކުރިއަށް ދިއުމަށް ހުރިހާ ބޭފުޅުންނަށް މި ދުވަހުގެ ތަހުނިޔާ އަރިސްކުރަމުން އިލްތިމާސްކުރަން،" މުއިއްޒު ވިދާޅުވި އެވެ.