ހަބަރު

އދ. ގެ ބަޔާނަށް ސަރުކާރުން މަރުހަބާ ކިޔައިފި

ރާއްޖޭގެ ޝަރުއީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ގޮވާލާ އދ. އިން ނެރުނު ބަޔާނަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފި އެވެ. އދ އިން އެ ބަޔާން ނެރުނީ ރާއްޖެއަށް ޒިޔާރަތް ކުރަރެއްވި، އެ ޖަމާއަތުގެ އެސިސްޓެންޓް ސެކެޓްރީ ޖެނެރަލް މިރޯސްލެވް ޖެންކާގެ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅަށްފަހުގަ އެވެ.

ފޮރިން މިނިސްޓްރީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އދ. ގެ ބަޔާނަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔާ ކަމަށާއި ރާއްޖޭގެ ޑިމޮކްރަސީ ފައްކާ ކުރުމަށް އދ.އާއެކު ކުރިއަށް އޮތްތާ ވެސް މަސައްކަތްކުރާނެ ކަމަށެވެ.

މިރޯސްލެވް ޖެންކާގެ ދަތުރުފުޅާ ގުޅޭ ގޮތުން ޔޫއެން ނިއުސް ސެންޓަރުން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ، މިރޯސްލެވް ޖެންކާ، ރައީީސް އަބްދުﷲ ޔާމީންއާއެކު ބޭއްވި ބައްދަލުވުމުގައި، ރާއްޖޭގެ މިނިވަން މުއައްސަސާތަކާއި ޑިމޮކްރަސީ ހަރުދަނާކޮށް އިތުރަށް ވަރުގަދަކުރުމަށާއި ޝަރުއީ ދާއިރާ މިހާރަށްވުރެ ހަރުދަނާކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ޝަރުއީ ދާއިރާ ހަރުދަނާކުރުމަށް ޖެންކާ ރާއްޖެއަށް ގޮވާލެއްވި ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ފެށުމަށް ސަރުކާރުން އިސްނެގި ނެގުމަށް އދ އިން މަރުހަބާ ކިޔާ ކަމަށް ރައީސްގެ އަރިހުގައި އޭނާ ދެންނެވި ކަމަށް ބަޔާނުގައިވެ އެވެ. އަދި އެ މަޝްވަރާތައް ވީހާ ވެސް އަވަހަކަށް ފެށުމަށް އދ އަށް ވެދެވެން ހުރި އެހީތެރިކަމެއް ވެދެއްވުމަށް ހުށަހެޅުއްވި ކަމަށް ވެސް ބަޔާނުގައިވެ އެވެ. އަދި ރާއްޖޭގެ ހުރިހާ ފަރާތްތަކާ ވެސް ގުޅިގެން ގައުމުގެ ތަރައްގީއަށް އދ އިން މަސައްކަތްކޮށް އެއްބާރުލަމުން އަންނާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ރާއްޖެއަށް ދެއްވި ކަމަށް ބަޔާނުގައިވެ އެވެ.

ޖެންކާ ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫންއާ ވެސް ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި، ވޯލްޑް ހިއުމަންޓޭރިއަން ސަމިޓްގެ ތައްޔާރީތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި އެވެ. އަދި ރެފިއުޖީންގެ މައްސަލަތަކާ ގުޅޭ ގޮތުން ވެސް ދުންޔާ އަދި ޖެންކާ މަޝްވަރާކޮށްފައިވާ ކަމަށް ޔޫއެން ނިއުސް ސެންޓަރުން ބުނެ އެވެ. މީގެއިތުރުން ވެސް ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިޔުމުގެ ހަރަކާތްތައް ހުއްޓުވުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކޮށްފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

ޖެންކާ ވަނީ އދ.ގެ މެންބަރެއްގެ ގޮތުގައި ރާއްޖެ ހޭދަކޮށްފައިވާ 50 އަހަރަށް ތައުރީފުކުރައްވާފަ އެވެ. ދުނިޔޭގެ ބޮޑެތި މައްސަލަތަކުގައި ރާއްޖޭގެ ބައިވެރިވުން ޖެންކާ ފާހަގަކުރެއްވި އެވެ. އެގޮތުން ސަސްޓޭނަބަލް ޑިވެލޮޕްމެންޓް ގޯލްސް އަދި ޕެރިސް އެގްރިމެންޓް އެކުލަވާލައި އަމަލުކުރުމުގައި ރާއްޖެ ކުޅުނު ރޯލަށް ޖެންކާ ތައުރީފުކުރެއްވި އެވެ.