އިންޑިޔާގެ ބޮޑުވަޒީރު މޯދީ

ސަރަހައްދުގެ ސަލާމަތަށް ރާއްޖެ އިސް ދައުރެއް އަދާކުރޭ: މޯދީ

މި ސަރަހައްދުގެ ސަލާމަތާއި ކުރިއެރުމުގައި ރާއްޖެއަކީ އިސް ދައުރެއް އަދާކުރާ ގައުމެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން މެދުވެރިކޮށް މޯދީ މިއަދު ނެރުއްވި ނޫސްބަޔާނެއްގައި އިތުރަށް ވިދާޅުވީ ރާއްޖެއަކީ އިންޑިއާއަށް ހާއްސަ ގައުމެއް ކަމަށެވެ.

އެގޮތުން އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގައި ދިވެހިރާއްޖެއަކީ ހާއްސަ މަގާމެއް ލިބިފައިވާ ގައުމެއް ކަމަށް މޯދީ ވިދާޅުވި އެވެ.

މީގެ އިތުރުން މި ސަރަހައްދުގެ ސަލާމަތާއި ކުރި އެރުމުގެ ތަސައްވުރު ސެކިއުރިޓީ އެންޑް ގްރޯތް ފޯ އޯލް އިން ދަ ރީޖަން -- އެސް.އޭ.ޖީ.އޭ.އާރް ގާއިމުކޮށްދިނުމުގައި ރާއްޖެއަކީ އިސްދައުރެއް އަދާކުރާ ގައުމެއް ކަމަށްވެސް މޯދީ ވިދާޅުވި އެވެ.

މޯދީ ވަނީ ދެގައުމުގެ ރައްޔިތުންގެ އިޖުތިމާއީ އަދި އިގުތިސާދީ ކުރިއެރުމަށްޓަކައި ރާއްޖެއާ ގުޅިގެން މަސައްކަތް ކުރުމަށް އިންޑިއާއިން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި މަލްޓި ޑައިމެންޝަނަލް ޕާޓްނާޝިޕް އިތުރު ހަރުފަތަކަށް ކުރިއަރާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް މޯދީ ވިދާޅުވި އެވެ.